އިނގިރޭސި އެންމެ ވަރުގަދަ އެއް ކްލަބު، ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައި، ވިސިޓް މޯލްޑިވްސްއާއެކު ސޮއިކޮށްފިއެވެ.
ލިވަޕޫލުން އިއުލާނު ކޮށްފައި ވަނީ ވިސިޓް މޯލްޑިވްސްއާއެކު އެއްބަސްވެފައި ވަނީ ލިވަޕޫލްގެ ފިރިހެން އަދި އަންހެން ސީނިއާ ޓީމުގެވެސް ޕާޓްނަރެއްގެ ގޮތުގައި ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިސިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ލިވަޕޫލާއެކު ވެވުނު އެއްބަސްވުން ރަސްމީކޮށް އިއުލާނުކުރާނީ އަންނަ އޭޕްރީލް ދެވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ. އެގޮތުން މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ރާއްޖެއާއެކު ވެވުނު އެއްބަސްވުމުގެ މަންޒަރުތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްޕީއާރްސީން ބުނީ ލިވަޕޫލާއެކު ވެވުނު އެއްބަސްވުމާއެކު އެކްލަބުގެ ބޮޑު ސަޕޯޓަރުންގެ އޯޑިއަންސްގެ ސަމާލުކަން ރާއްޖެއަށް ބޮޑުވާނެ ކަމަށާއި، އެ ސަޕޯޓަރުންނަށް ރާއްޖޭގެ މަގުބޫލުކަަން ބޮޑަށް އެނގި ދަތުރުކުރުމަށް ބާރު އެޅޭނެ ކަމަށެވެ.
ލިވަޕޫލާއެކު ހެދި އެއްބަސްވުމާއެކު ލިވަޕޫލްގެ ހޯމް މެޗުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކުރަންވެސް ނިންމާފައިވެއެވެ. އަދި އެ ކްލަބުގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރާނެވެސް މެއެވެ.
ލިވަޕޫލަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބެވެ. އަދި އެންމެ ސަޕޯޓަރުން ގިނަ، އެންމެ މަގުބޫލުވެސް އެއް ކްލަބެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޯވަރުން ލިވަޕޫލްގެ އެކައުންޓްތަކުގައި ހިމެނެއެވެ. އަދި އެކްލަބުގެ ޓީވީ އޯޑިއަންސް ސީޒަނަކަށް 211 މިލިއަނަށް އަރައެވެ. ކްލަބުން ލަފާކުރާ ގޮތުގައި އެ ކްލަބުގައި 22 މިލިއަން ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.
އެމްއެމްޕީއާރްސީން ބުނީ ލިވަޕޫލާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން އެކަޑެމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމަށް ބްރޭންޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތަކެއްވެސް ހިމެނޭ ކަމަށެވެ. އަދި ކްލަބު ލެޖެންޑުންނާއެކު ހާއްސަ ސޯޝަލް މީޑިއާ ކެމްޕޭނުތަކެއް ކުރިއަށް ގެންދަންވެސް ނިންމާފައިވާ ކަމަށެވެ.