ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާ، ދައުލަތުން ދައްކާނެ ގޮތްތަކާބެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ސިވިލްކޯޓުން ދައުލަތަށް ދެ ހަފުތާގެ މުއްދަތެއް މިއަދު ދީފިއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް 2010 ގައި ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދީބާޖާ އަށް ދެެއްކުމަށް، ސިވިލްކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުންވެސް ވަނީ ތާއީދު ކޮށްފައެވެ.
އެފައިސާ ދައްކާނެ ގޮތްތަކާބެހޭ ހުށަހަޅުންތައް ހުށަހެޅުމަށް މުއްދަތު ދޭން ކޯޓުން ނިންމީ، އެކަމާބެހޭ ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ފައިސާ ދައްކާނެ ގޮތްތައް ހުށަހަޅަން އަދި ތައްޔާރު ނުވެވޭ ކަމަށާއި، މިއަދުގެ ޝަރީއަތުގައި އޮންނާނީ ދައުލަތުން އިޖްރާއީ ގޮތުން ފާހަގަކުރި ކަންކަމަށް ގޮތެއް ނިންމުން ކަމަށް ބެލެވިފައިވާކަމަށެވެ.
އެ މައްސަލާގައި އިޖްރާއީ ގޮތުން ފާހަގަކުރި ނުކުތާ އަށް ޝަރީއަތުން ގޮތެއް ނިންމަން ދައުލަތުން ބޭނުންވާ ކަމަށާއި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށް ވެސް ދައުލަތުން މިއަދު ބުންޏެވެ.