ޚަބަރު

ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އެންގި އަމުރު ހައިކޯޓުން ބާތިލުކޮށްފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި އަދި ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރެއްވި އިބްރާހިމް ހުސެއިން ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން އިއްޔެ މިގޮތަށް ކަނޑައަޅާފައި މިވަނީ އެ އަމުރު ނެރުނުތާ ފަސް އަހަރު ފަހުންނެވެ.

ރައްޔިތުން މަޖިލީހުގެ އޭރުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުންނާ އެކު، ބަނގުރާ ހިއްޕަވަން އިންނެވި ކަމަށް ބުނާ، މައްސަލައެއްގައި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ ޖާބިރާ އެކު 2013 ވަނަ އަހަރު ޒަކީ ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ކެންސަލް ކުރަން 2020 ވަނަ އަހަރު ކޯޓުން އަމުރު ކުރީ، މީހެއްގެ އަތުން ނެގި ޑޮލަރުތަކެއްގެ ތެރެއިން ބައެއް އަނބުރާ ނުދައްކައި ހުރި މައްސަލައެއްގައެވެ.

އެކަމާ ގުޅިގެން ޒަކީގެ ޕާސްޕޯޓް ސިވިލް ކޯޓުން ކެންސަލް ކުރި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކޯޓުން ހުކުމް ކުރީ ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ދައުލަތަށް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ، ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ސަބަބުން އޭނާގެ އެއްވެސް ހައްގެއް ނުވަތަ މަސްލަހަތެއް ގެއްލިފައިވާ ނަމަ، ހައި ކޯޓުގައި އެ މައްސަލައެއް އިސްތިއުނާފު ކުރުމަކީ ޒަކީއަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އެ ހައްގު ދިވެހި ދައުލަތުގެ މައްޗަށް ފުރޮޅިގެން ދިޔައީ ކިހިނެއް ކަމެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ދަށު ކޯޓުން ކުރާ ހުކުމަކުން ނުވަތަ އަމުރަކުން މީހެއްގެ ހައްގެއް ގެއްލިއްޖެ ކަމަށް އެމީހަކަށް ގަބޫލުކުރެވޭ ހާލަތުގައި، ފަރުދީގޮތުން އެމީހަކު މައްސަލަ އިސްތިއުނާފު ކުރުމުގެ ބަދަލުގައި ދިވެހި ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަކީ އެކަމުގެ ސަބުބުން ގާނޫނީ ނުބައި އެތައް ނަތީޖާތަކެއް ނުކުންނާނެ ކަމެއް ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ހައިސިއްޔަތު ދިވެހި ދައުލަތަށް (މޯލްޑިވްސް އިމިގްރޭޝަނަށް) ލިބިގެންވާ ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ. އެ ސަބަބަށް ޓަކައި އެއީ އިމިގްރޭޝަނުން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ބުރަ ނުވެވޭތީ އެއީ ހައިކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށް ނުދެކޭ ކަމަށްވެސް ހުކުމުގައި ވެއެވެ.

ހައިކޯޓުން ކުރި ހުކުމާ ގުޅިގެން އިމިގްރޭޝަންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަޑިޔާރުންގެ އިއްތިފާގުން، 19 ނޮވެމްބަރު 2023 ގައި ކުރި ހުކުމްގައި ވަނީ އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލު ކުރާ ކަމަށެވެ. ހަމަ އެއާއެކު އެ މައްސަލައިގެ މައުލޫއަށް ގޮތެއް ކަނޑައަޅަން އަންގައި ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ މައްސަލަ ހައިކޯޓަށް ތަހުވީލު ކުރިއެވެ.

އެކަމާ ގުޅިގެން 19 ނޮވެމްބަރު 2023 ގައި ހައިހޯޓަށް ހުށަހެޅި މި މައްސަލައިގައި އިއްޔެ ހުކުމްކޮށްފައިވަނީ، ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އަންގައި 15 ޑިސެމްބަރު 2020 ގައި ސިވިލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އެންގި އަމުރު ބާތިލް ކުރަން ދައުލަތުން އެދުނީ ސާބިތު ދަރަނީގެ މައްސަލަތަކުގައި ފައިސާ ދައްކަން ޖެހޭ ފަރާތަކީ ކުންފުންޏެއް ފަދަ ގާނޫނީ ޝަހުސެއް ނަމަ، އެ ކުންފުނީގެ ޑިރެކްޓަރުންނަށް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އެ ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓިދާނެ ކަމަށް ގަވައިދުގައި ބުނެފައިވީ ނަމަވެސް ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު ކޯޓަށް ދީފައި ނުވާތީއެވެ.