އިމާދު ލަތީފު
ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ނުވަތަ އައިސީސީން މިހާރު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާއީވަޒީރު ޔޮއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. އެމީހުންގެ ކުށަކީ ނަސްލެއް ނައްތައިލަން އުޅުމެވެ. ހަނގުރާމައިގެ އެންމެ މުޑުދާރު ޖަރީމާތައް ހިންގުމެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށެވެ. ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ކޯޓަކީ ކޮން ކޯޓެއް ބާވައެވެ. ކިހައިވަރެއްގެ ބާރަކާއި އިޚުތިޔާރެެއް ލިބިފައިވާ ކޯޓެއް ބާވައެވެ. އެއީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު، އައިސީސީ އެވެ. އެ ކޯޓު ގާއިމްކުރެވުނީ މީގެ 22 އަހަރު ކުރިން 2002 ގައެވެ. ބޭނުމަކީ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ރާވައި ހިންގާ މީހުން ހައްޔަރުކޮށް ސަރިޔަތް ހިންގައި އިންސާފު ގާއިމުކުރުމެވެ. އދ.ގެ ގަރާރަކަށްފަހު އެކުލަވައިލެވުނު މުއާހަދާއަކުން ވުޖޫދުކުރި ކޯޓަކަށްވާތީ މި މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުގެ ރައްޔިތުންގެ މައްޗަށް މި ކޯޓުގެ ބާރު ހިނގާނެއެވެ.
ސޮއިކޮށްފައިވާ ގައުމެއްގެ ރައްޔިތަކަށް ނުވިޔަސް ޖަރީމާތައް ހިންގީ ސޮއިކޮށްފައިވާ ގައުމެއްގެ އަމިއްލަ ސަރަހައްދުގެ ތެރޭގައި ކަމަށްވާނަމަ އެމީހަކާ ދެކޮޅަށް ދައުވާކޮށް ސަރިޔަތް ހިންގޭނެއެވެ. މި މުއާހަދާގައި ދުނިޔޭގެ 124 ގައުމަކުން މިހާތަނަށް ސޮއިކޮށްފައިވެއެވެ. މި ކޯޓު ވުޖޫދުވިފަހުން ޖުމްލަ ބައްތިރީސް ކޭހެއް ހުށައެޅިފައިވެއެވެ. ޖުމްލަ 56 މުޖުރިމަކު ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާއިރު އޭގެތެރެއިން އެކާވީސް މުޖުރިމަކު ހައްޔަރު ކުރެވިފައިވެއެވެ. ކޯޓަށް ފިލައިގެން އުޅޭ މީހުންގެ ޖުމްލަޔަކީ ވިއްސެވެ. މަރުވުމުގެ ސަބަބުން ހަތް މީހެއްގެ ސަރިޔަތް ވަނީ ކެންސަލްކުރެވިފައެވެ. ޖުމްލަ އެގާރަ ހުކުމުގެ ތެރެއިން ކުށްވެރިވާ ކަމަށް ނިންމުނީ ހަ މީހުންނެވެ. ކުށްވެރިނުވާ ކަމަށް ނިންމައި ހަތަރު މީހަކު ދޫކޮށްލެވިފައިވެއެވެ. ކުށްވެރިވާ ކަމަށް ހުކުމް އިއްވުނު އެންމެންނަކީވެސް އެފްރިކާގެ އެކި ގައުމުތަކުގެ މީހުންނެވެ. ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ މީހުންގެ ތެރެއިން އެންމެ ބާރުގަދަ އެންމެ މަޝްހޫރު މީހަކީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންއެވެ.
ރައީސް ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ނެރުނީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ޔުކްރޭނުގެ ކުޑަކުދިންތަކެއް ރަޝިޔާއަށް ގެންދިޔުމުގެ ތުހުމަތުގައެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ތެރެއިން ރަޝިޔާ، އެމެރިކާ އަދި ޗައިނާއަކީ މި މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކެއް ނޫނެވެ. އިޒްރޭލުވެސް ހިމެނެނީ ސޮއިނުކުރާ ގައުމުތަކުގެ ތެރޭގައެވެ. އެކަން އެހެން އޮތަސް ރައީސް ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކުށުގެ އަމަލު ހިންގުނީ ޔުކްރޭނުގައި ކަމަށްވެފައި ޔުކްރޭނަކީ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ވުމުންނެވެ. ހަމައެގޮތަށް އިޒްރޭލަކީ ސޮއިނުކުރާ ގައުމަކަށްވިޔަސް ފަލަސްތީނަކީ ސޮއިކޮށްފައިވާ ފަރާތެކެވެ. ކުށުގެ އަމަލު ހިންގުނީ ފަލަސްތީނުގެ ބިމެއްގައި ކަމަށްވާތީ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެެއް ނެރުނީއެވެ. ކޮންމެއަކަސް އަމުރު އެއޮތީ ނެރެފައެވެ. އެހެންވީމާ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމަކީ ރޯމް މުއާހަދާގައި ސޮއިކޮށްފައިވާ 124 ގައުމުންކުރެ ކޮންމެ ގައުމަކަށްވެސް ގާނޫނީގޮތުން އަދާކުރަން ޖެހޭ ޒިންމާއެކެވެ.
ހައްޔަރު ކުރާނީ އެއިން ގައުމަކަށް ނަތަންޔާހޫވެސް އަދި ގަލަންޓްވެސް ހިނގައްޖެނަމައެވެ. އެހެންވީމާ މިއީ އެދެމީހުންނަށް ނުހަނު ބޮޑު މައްސަލައެކެވެ. ކޮންމެއަކަސް އައިސީސީން އެއޮތީ ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ. މުޖުރިމަކަށް ވެގެންނެވެ. އިޒްރޭލުގެ ބޮޑުވަޒީރު ކަމުގައި އެހެރީ މުޖުރިމެކެވެ. ދުނިޔޭގެ ކޯޓަށް ފިލައިގެން އުޅޭ މުޖުރިމެކެވެ. އެހެންވީމާ މިއަމުރާއިމެދު ދުނިޔޭގެ ގައުމުތަކުގެ ރައުޔު ހުރިނެތްގޮތް ބަލައިލަމާ ބަހީއެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ގާއިމުކުރެވިފައިވަނީ ހޮލެންޑުގެ ސިޓީއެއް ކަމުގައިވާ ދަ ހޭގުގައެވެ. ހޮލެންޑުގެ ސަރުކާރުން ބުންޏެވެ. ބޮޑުވަޒީރަކަށް ވިޔަސް ނުވިޔަސް ހޮލެންޑަށް ނަތަންޔާހޫ އެތެރެވެއްޖެނަމަ އޭނާ ހައްޔަރު ކުރާނަމެވެ. ރޯމް މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއްގެ ހައިސިއްޔަތުން އެއީ ހޮލެންޑުގެ މައްޗަށް ލާޒިމު ކަމެކެވެ. އެހެންވީމާ އެކަން ކުރާނަމެވެ. ހޮލެންޑަށް އެތެރެވުމާއި ނުވުމަކީ ނަތަންޔާހޫގެ އަމިއްލަ ކަމެކެވެ. ގަލަންޓަށްވެސް އޮތީ ހަމައެގޮތެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މި އަމުރާމެދު އަދި ވަކިއެއްޗެއް ނުބުނެއެވެ. އެކަމަކު އައިސީސީއާއި އެ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް އެމެރިކާގެ ރިޔާސަތަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕުގެ އަރިސް މީހުން ވަނީ އިލްތިމާސްކުރަން ފަށައިފައެވެ. އޭގެތެރެއިން އެކަކީ އައު ސަރުކާރުގައި ކޮންމެވެސް ވުޒާރާޔަކާ ހަވާލުވާނެ ކަމަށް ބެލެވޭ ލިންޑްސޭ ގްރެހަމްއެވެ. އޭނާ ބުންޏެވެ. އައިސީސީގެ އަސްލު ކުލަ ފެނުނީއެވެ. އިޒްރޭލުގެ ބޮޑުވަޒީރަކާ ދެކޮޅަށް އަމުރެއް ނެރެން ހިތްވަރު ލިބިގަތީ ކިހިނަކުން ބާވައެވެ. މިއީ ރީތި ފިލާވަޅެއް ދޭންވީ ވަގުތެވެ. މިއީ އައު ސަރުކާރު ހިންގާންތިބޭނެ ގިނަ މީހުންގެ ވިސްނުމެވެ. ޓްރަމްޕުގެ ވިސްނުންވެސް ހުންނާނެކަމަށް ބެލެވެނީ މިގޮތަށެވެ. އައިސީސީއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއްޔާ އެމެރިކާއަކީ ގާނޫނަށް ތަބާވާ ގައުމެއް ނޫންކަން ސާބިތުވާނެއެވެ. ދައްކާ ވާހަކަޔާއި އަމަލު ދިމާނުވާކަން ސާބިތުވާނެއެވެ. ވީމާ މިކަން ކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އަޔަލެންޑުން ވަނީ އައިސީސީގެ ނިންމުމަށް ތައުރީފުކޮށްފައެވެ. ސާބަސްދީފައެވެ. ފްރާންސުން ބުންޏެވެ. އަހަރެމެން އަމަލުކުރާނީ ރޯމް މުއާހަދާގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ. އިސްލާމީ ގައުމުތަކުން ވަނީ އައިސީސީއަށް ސާބަސް ދީފައެވެ. ކޯޓުގެ އަގާއި ހުރުމަތް ދެމެހެއްޓުމުގައި މުހިންމު ނިންމުމެއް ކަމަށް ސިފަކޮށްފައެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތުންވެސް ވަނީ އައިސީސީގެ އަމުރަށް ތައުރީފުކޮށްފައެވެ. އެ އަމުރުގައި ހަމާސްގެ ޝަހީދުވެފައިވާ ކޮމާންޑަރަކު ހައްޔަރުކުރުން ހިމަނާފައިއޮތަސްމެއެވެ. ކޮންމެއަކަސް ދުނިޔޭގެ ގިނަބަޔަކު ތިބީ އައިސީސީއާ އެއްކޮޅަށެވެ. އިޒްރޭލާ އެއްކޮޅަށް އޮތީ އަދި ފެންނަ ފެނުމުގައި އެމެރިކާ އެކަންޏެވެ. ކުރިންވެސް ހީކުރެވުނު ގޮތަށް އިޒްރޭލުން އައިސީސީއަށް ނުކިޔާކަށް އެއްޗެއް ނެތެވެ. ނާޅުވާކަށް އިލްޒާމެއްވެސް ނެތެވެ. އެންމެ ބޮޑު އިލްޒާމަކީ ޔަހޫދީންނާ ދެކޮޅު ފިކުރު ގެންގުޅޭ ޚާއިނުންގެ ކޯޓެއްކަމަށް ބުނުމެވެ. ނަތަންޔާހޫއާއި އޭނާގެ ވަޒީރުންގެ ރުޅިވެރިކަންހުރީ ސަތޭކައިން މަތީގައެވެ.