ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ޔުނިވާސިޓީއާއި ކޮލެޖުތަކަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ ޤުރުއާން މުބާރާތް ރޭ ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ 11 މުއައްސަސާއަކުން 68 ބައިވެރިން ކަމަށެވެ.
މިއަހަރުގެ ގުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ ހެލްތް މިނިސްޓްރީއާއި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، ޕޮލިސް ސާވިސް، ޑިފެންސް މިނިސްޓްރީ، ޕޯސްޓް ލިމިޓެޑް، އިސްލާމިކް ޔުނިވާސިޓީ، ޕްލޭނިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، އައިޖީއެމްއެޗް، ކްލަބު އިމިގްރޭޝަން އަދި ސްޓެލްކޯ ރިކްރިއޭޝަން ކުލަބެވެ.
މިނިސްޓްރީން ބުނީ މިމުބާރާތަކީ 1438 ވަނަ އަހަރު އެމިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަން ފެށި މުބާރާތެއް ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖައްސުވައި، ގުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށް މަސައްކަތް ކުރުމާއި ރީތި ރާގުގައި ކީރިތި ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމެވެ. އަދި އޭގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިން އުފެއްދުމާއި ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމްކޮށް އެކަމުގެ ރޫހު އަށަގެންނެވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމެވެ.