އަލަށް ފަށާ މަޝްރޫއަކާއެކު އަހަރަކު އައުގާފް އިންވެސްޓުމަންޓުގެ ގޮތުގައި ވަގުފު ފަންޑަށް އަހަރަކު 12 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށާއި އަމާޒަކީ 2045 ވަނަ އަހަރަށްފަހު، އަހަރަކު 100 މިލިއަން ރުފިޔާއަށް އެރުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ރަމަޟާން މަހަށްފަހު މިއަހަރު ބޮޑު ދެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެން މަޝްރޫއަކަށް ބީއެމްއެލް އިސްލާމިކްގެ ފައިނޭންސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުތަކުގެ ތަފްސީލުތައް މިނިސްޓަރު ހާމަކުރައްވައިފައެއް ނުވެއެވެ.
"މި މަޝްރޫއުތައް ފުރިހަމަވުމާއެކުގައި 2045 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު 12 މިލިއަން، އިސްލާމިކް ވަގުފު ފަންޑަށް ޖަމާވެގެންދާނެ. އަދި 2045 ވަނަ އަހަރުގެ ފަހުން ގާތްގަނޑަކަށް 70 ވަރަކަށް މިލިއަން މި މިނިސްޓްރީގެ އިސްލާމިކް ފަންޑަށް ވަންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ އެހާ ވަރެއް ވެސް ނޫން އަދި. އަޅުގަނޑުމެންގެ އަމާޒަކީ 2045 އަންނަ އިރުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މިފަދަ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިއަނަށް އަރާވަރަށް އަޅުގަނޑުމެންގެ އައުގާފް އިންވެސްޓްމަންޓުތައް ފުޅާކުރުން، މި ދައުރުގެ ތެރޭގައި އިންޝާﷲ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތުގެ މާޒީއަށް ބަލައިލާ އިރު، އުންމަތުގެ ހަޟާރަތް ކުރިއަރާފައި އޮތީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ކަމަށާއި މިހާރު ކުރެވެމުންދާ ގިނަ މަސައްކަތްތަކަކީ ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރާ މަސައްކަތްތައް ކަމަށެވެ.
"މި މަސައްކަތްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުން ބައިވެރިވުމަށް އަޅުގަނޑު މިރޭ އިލްތިމާސްކުރަން. ރާއްޖޭގެ ތަނަވަސް އަހުލުވެރިން މިކަމުގައި މާލީގޮތުން ބައިވެރިވުމަށް އަޅުގަނޑު އެދެން. ރާއްޖޭގެ ތަނަވަސް އަހުލުވެރިންނަކީ ވަރަށް ދީލަތި ބައެއް. މިސްކިތްތައް ބިނާކުރުމާއި މަދަރުސާތައް ބިނާކުރުމާ ވަރަށް ގިނަ ކަންތައް ކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ މިސްކިތް ބިނާކުރާ ފަދައިން މިސްކިތަށް އަރާނެ މީހުން ވެސް ބިނާކުރަން ޖެހޭ ކަމަށާއި މިސްކިތުގެ އިމާމުކަން ކުރާނެ މީހުން ވެސް ބިނާކުރަން ކަމަށެވެ. އަދި މިއީ ގުޅިލާމެހިފައިވާ ވަށާޖެހޭ ވަރުގަދަ ހަރަކާތަކަށް ހަދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.