ދުނިޔެ

ކަނޑުއަޑީގެ އިންޓަނެޓް ކޭބަލް ބުރިކޮށްލުމުން ޔޫރަޕުގެ ބައެއް ގައުމުތަކަގެ ހިދުމަތަށް ބުރޫއަރައިފި

މުހައްމަދު އައުޒަމް

ކަނޑުއަޑީގެ އިންޓަނެޓް ކޭބަލް ބުރިކޮށްލުމުން ޔޫރަޕުގެ ބައެއް ގައުމުތަކުގެ ހިދުމަތަށް ބުރޫއަރައިފިއެވެ.

ބެލްޓިކް ކަނޑުން ޔޫރަޕަށް އަޅާފައިވާ ކޭބަލްތަކުގެ ތެރެއިން ދެ ކޭބަލަކަށް ގެއްލުންވެ އެއް ކޭބަލް ބުރިކޮށްލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ލިތުއޭނިއާ އާއި ސްވިޑަންއާ ދެމެދު އަޅާފައިވާ ކޭބަލް މިދިޔަ އާދިއްތަ ދުވަހު ބުރިކޮށްލާފައިވާކަން ވަނީ އެނގިފައެވެ. ބުރިކޮށްލާފައިވަނީ ލިތުއޭނިއާގެ އިންޓަނެޓް ހިދުމަތްދޭ ކުންފުނި ޓެލިއާ ލިތުއޭނިއާ އިން އަޅާފައިވާ ކޭބަލެއް ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ފިންލެންޑާއި ޖަރުމަނާ ދެމެދު އަޅާފައިވާ ކޭބަލަށްވެސް ގެއްލުންވެ ހޯމަ ދުވަހު ހިދުމަތަށް ބުރޫއަރާފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އެ ކޭބަލަކީ ފިންލެންޑުގެ ސަރުކާރުގެ ހިއްސާ އޮންނަ ސިނިއާ ނަމަކަށް ކިޔާ ކުންފުނީގެ ކޭބަލެކެވެ.

ކޭބަލްތަކަށް ގެއްލުންދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުކަމެއްކަމަށް ބުނެ ސްވިޑަން އިން ވަނީ ތަހުގީގެއް ފަށާފައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ކޭބަލްތަކަށް ގެއްލުން ދިނުމުގެ ފަހަތުގައިވާކަމަށް އިނގިލި ދިއްކުރެވެނީ ރަޝިޔާއަށެވެ. އެެމެރިކާއިން މީގެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ރަޝިޔާއިން އެފަދަ އަމަލެއް ހިންގާފާނެ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެފައެވެ.