ރެއާލް މެޑްރިޑް

އެމްބާޕޭވެސް ދަށް، އެކަމަކު މިއުޅެނީ މުޅި ޓީމުގެ މައްސަލައެއް: އެންޗެލޮޓީ

ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭވެސް މިވަގުތު ހުރީ އެންމެ ރަނގަޅު ފޯމުގައި ނޫން ނަމަވެސް، މި ވަގުތު ޓީމު އެކުގައި އޮތީ ފޯމު ދަށްކޮށްކަން ގަބޫލުކުރަން ޖެހޭ ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ރެއާލަށް މި ސީޒަނަށް ގެންދިޔަ ފްރާންސް ފޯވަޑް އެމްބާޕޭ، 25، އަކީ މިހާރުވެސް ގިނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއެވެ. ސީޒަނުގެ ފުރަތަމަ ދެތިން މެޗެއްގައި އެމްބާޕޭ ރަނގަޅަށް ކުޅުނު ނަމަވެސް، އޭގެފަހުން އޭނާއަށް ވަނީ ރެއާލަށް ހޭނެން އުނދަގޫތަކެއް ދިމާވެފައެވެ.

އެގޮތުން 15 މެޗެއްގައި އޭނާ ގޯލު ޖެހި ނަމަވެސް، އެންމެފަހުން ކުޅުނު ފަސް މެޗުގައި ޖެހިފައި ވަނީ އެންމެ ގޯލެކެވެ. އެއީ އެމްބާޕޭގެ ފެންވަރުގައި ދަށް ފޯމެކެވެ. އެއާއެކު މުޅި ޓީމުގެ ނަތީޖާތައްވެސް މިދިޔަ ދެ ހަފުތާއެއްގައި ވަރަށް ބޮޑަށް ދަށްވެ، އެމްބާޕޭއަށް އެކަމުގެ ފާޑު ކިޔުންތައްވެސް އަމާޒުވެފައިވެއެވެ.

"އެމްބާޕޭވެސް ހުރީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫން. އޭނާވެސް ދަށް. އެކަމަކު އެއީ ހަމަ އެންމެންވެސް މިވަގުތު ދަށްވީމަ. އެމްބާޕޭއަށް ވަކި ހާއްސަ މައްސަލައެއް ދިމައެއް ނުވޭ، ދިމާވެގެން މިއުޅޭ މައްސަލައަކީ މުޅި ޓީމަށްވެސް ދިމާވެގެން މިއުޅޭ މައްސަލަ،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ މި ސީޒަނުގެ މިހާތަނަށް ފޯވަޑް ލައިންގެ އެކި މަގާމުތަކުން ފެނިގެން ގޮސްފައިވެއެވެ. ގިނަ ބައެއްގެ ނަޒަރުގައި އެމްބާޕޭ ރެއާލް ޓީމަށް ފިޓް ކުރުމަށް އެންޗެލޮޓީއަށް އަދި އެންމެ ރަނގަޅު ގޮތެއް ނުހޯދެއެވެ. ހާއްސަކޮށް އެންޗެލޮޓީގެ އެކްސްޕެރިމެންޓްތައް އަދި ކާމިޔާއެއް ނުވެއެވެ.

"އެމްބާޕޭ ކޮންމެ ދުވަހަކުވެސް އެ ތަމްރީނުކުރަނީ ވަރަށް ވަރަށް ރަނގަޅަށް. އަދި އޭނާ ހުރީ މި އުނދަގޫ ހާލަތުން ރެއާލް ކުރިއަށް ޖައްސާލަން ތައްޔާރަށް. އެއީ މީގެ މުހިއްމު ކަމަކީވެސް،" ރެއާލާއެކު މިދިޔަ ސީޒަނުގައިވެސް ލީގާއި ޗެމްޕިއަންސް ލީގު ހޯދި އެންޗެލޮޓީ ބުންޏެވެ.