މުހައްމަދު އައުޒަމް
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވި ހާދިސާއަށްފަހު ތުއްތުކުދީންގެ ޑީއެންއޭ ނަގައި އާއިލާ ހޯދަން ފަށައިފިއެވެ.
އިންޑިއާގެ ލަކްނޯގެ މަހާރާނީ ލަކްސްމީ ބައި މެޑިކަލް ކޮލެޖުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ހޮސްޕިޓަލުގެ އެންއައިސީޔޫގައި ފަރުވާދެމުންދިޔަ އަލަށް އުފަންވި ތުއްތުކުދީންގެ ތެރެއިން 10 ކުދީން މަރުވެފައިވާއިރު 16 ކުއްޖަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުގެ އެންއައިސީޔޫގައި އޮތް 54 ކުދީންގެ ތެރެއިން 44 ކުދީން ސަލާމަތް ވި ނަމަވެސް އެ ކުދިންގެ މައުލޫމާތުތައް ވަނީ ގެއްލިފައެވެ. ޑީއެންއޭ ހަދަން ނިންމާފައިވަނީ އެ ކުދީންގެ އާއިލާތައް ދެނެގަތުމަށްޓަކައެވެ.
މިހާތަނަށް 10 ކުއްޖެއްގެ ޑީއެންއޭ ދިމާވެ އެ ކުދީންގެ އާއިލާ ދެނެގަނެވިފައިވާ ކަމަށާއި އެހެންނަމަވެސް ބާކީ ތިބި ކުދީންގެ އާއިލާ ދެނެގަތުމުގެ މަސައްކަތް އަދި ކާމިޔާބު ވެފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުގައި ތިބި ކުދީންނާއި އެކުދީންގެ ބެލެނިވެރިން ބައްދަލުކުރުން ވަނީ މަނާކޮށް އެ ކުދީން އެކަހެރިކޮށްފައެވެ. އެކަމުގެ ސަބަބުން އާއިލާތަކުން ހޮސްޕިޓާ ހިމެނޭ ސަރަހައްދުގައި ނުރުހުން ފާޅުކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާތަނަށް ބެލި ބެލުމުން އެ ހާދިސާ ހިނގުމަށް މެދުވެރިވެފައިވަނީ އެކުދިން ތިބި އެންއައިސީޔޫގައި ހުންނަ އޮކްސިޖަން ކޮންސެންޓްރޭޓަރު ޝޯޓްސާކިޓްވެ އޭގައި ހުޅު ހިފުމުން ނެވެ. ހާދިސާ ހިނގުމާއެކު ހޮސްޕިޓަލުގެ މުވައްޒަފުން ކުރި މަސައްކަތުން ގިނަ ކުދިން ރައްކާތެރި ހިސާބަށް ގެންދެވުނު ނަމަވެސް 10 ކުއްޖަކު ސަލާމަތް ނުވި ކަމަށް އޮފިޝަލުން ބުނެއެވެ.
ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ފަށާފައިވާއިރު އެ ތަހުގީގު ތިން މަރުހަލާއަކަށް ބަހާލައިގެން ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.