އިމާދު ލަތީފު
މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނައުމާމެދު އެމެރިކާގެ ހަގީގީ ވިސްނުން ހުންނަގޮތް ފެންނަ ރާޑަރަކީ އަބަދުވެސް އިޒްރޭލުގައި ހުންނަވާ އެމެރިކާގެ ސަފީރެވެ. ސަފީރުކަމުގައި ހުންނަ މީހާގެ ވިސްނުމާއި ފިކުރަކީ އެމެރިކާގެ ރަސްމީ ސިޔާސަތުގެ ދެލިކޮޕީއެކެވެ. ސަފީރުކަމާއިގެން އިޒްރޭލަށް މީހަކު ފޮނުވަނީވެސް އެވަރު ބަލައިފައެވެ. އެމެރިކާގެ ރިޔާސަތާ ދެން ހަވާލުވެވަޑައިގަންނަވާނީ ޑޮނަލްޑް ޓްރަމްޕެވެ. މަގާމުގެ ހުވައި ކުރެއްވުމާދޭތެރޭ ދެންއޮތީ ގާތްގަޑަކަށް ދިހަ ހަފުތާއެވެ. ޓްރަމްޕުގެ އައު ސަރުކާރުން އިޒްރޭލަށް ސަފީރުކަމާއިގެން ފޮނުވާނީ ކާކުބާވައެވެ. އެމީހަކު މިހާރުވަނީ އެނގިފައެވެ. އަސްތަ އަސްތާއެވެ. އެއީވާ ފިސާރި މީހެކެވެ. އިޒްރޭލަށް ސަޕޯޓްކުރުމުގައެވެ. އާދައިގެ ސަފީރެއް ނޫނެވެ. ޓްރަމްޕުގެ ސަރުކާރުން އިޒްރޭލަށް ފޮނުވާ ސަފީރަކީ މައިކް ހަކަބީއެވެ. ހަމަ ޓްރަމްޕު ކަހަލަ ބޭފުޅެކެވެ. އެއްވެސް ތަފާތެއް ނެތެވެ. ހަކަބީގެ ވަނަވަރަށް ބަލައިލަމާތޯއެވެ. ދެން ކަންކަން ހިނގާނޭގޮތް ދެނެގަތުމަށް ފަސޭހަކުރުމުގެ ގޮތުންނެވެ.
ހަކަބީއަކީ ކުރިން އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އާކަންސޯގެ ގަވަރުނަރެވެ. ބިލް ކްލިންޓަން އެމެރިކާގެ ރިޔާސަތަށް ވަޑައިގެންނެވީވެސް އާރކަންސޯ ސްޓޭޓްގެ ގަވަރުނަރު ކަމުގައި ހުންނަވައިފައެވެ. އެމަގުން ހިންގެވޭތޯ މައިކް ހަކަބީވެސް ވަނީ މަސައްކަތް ކުރައްވައިފައެވެ. އޭނާވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ވާދަކުރައްވައިފައެވެ. ނާކާމިޔާބުވީއެވެ. އޭގެފަހުން 2016 ވަނަ އަހަރުވެސް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ވާދަކުރެއްވިއެވެ. އެފަހަރު ނާކާމިޔާބުވީ ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވައިގެންނެވެ. އާރކަންސޯ ސްޓޭޓްގެ ގަވަރުނަރުކަން މައިކް ހަކަބީ ކުރެއްވީ 1996 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށެވެ. ޓްރަމްޕުގެ އައު ސަރުކާރުގައި ފޮކްސް ޓީވީގެ އެކި އެކި ޕްރޮގްރާމްތައް ހުށައަޅައިދޭ މީހުން ވަރަށް ގިނަވާނެއެވެ. ހަކަބީވެސް ހިމެނޭގޮތުންނެވެ. އެކަން އޭނާ ކުރެއްވީ 2008 ވަނަ އަހަރުން 2015 އަށެވެ.
ފަލަސްތީނޭ ކިޔޭތަނެއް ނުވެސް އޮންނަ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނޭ ނުވަތަ ފަލަސްތީނު މީހުންނޭ ކިޔޭ ބަޔަކު މިއުޑުދަށުގައި ނުވާކަމަށް 2008 ވަނަ އަހަރު އެމެރިކާގެ ރިޔާސަތަށް ވާދަކުރެއްވި ކެންޑިޑޭޓަކު ވިދާޅުވިކަން ބޭރުގެ ޚަބަރުތައް ވިދާޅުވާ އަދި ބައްލަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ހަނދުމަފުޅު ހުންނާނެއެވެ. އެމީހަކީ މައިކް ހަކަބީއެވެ. އެފަހަރުގެ ކެމްޕޭނުގައި އޭނާ ވިދާޅުވިއެވެ. ފަލަސްތީނަކީ އިޒްރޭލުގެ ބިން އަތުލުމަށްޓަކައި ބަޔަކު ވުޖޫދުކޮށްގެން އުފައްދައިގެން އުޅޭ ސިޔާސީ ހަތިޔާރެކެވެ. ފަލަސްތީނޭ ކިޔައިގެން އެދައްކަނީ ދޮގުވާހަކައެކެވެ. ފަލަސްތީނެއް ނެތެވެ. ކުރީގައިވެސް ނެތީއެވެ. މިހާރުވެސް ނެތީއެވެ. ކުރިއަށްއޮތް ތަނުގައިވެސް ނޯންނާނެއެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ހޯދުމުގެ ކެމްޕޭނުގެ ތެރޭގައިވެސް މިވާހަކަތައް ހަމަމިގޮތަށް ތަކުރާރު ކުރައްވައިފައެވެ. ކުރީފަހަރަށްވުރެ މާތަފްސީލުކޮށް މާވަރުގަދައަށެވެ. ފަލަސްތީނުގެ ދައުލަތް އުފައްދަންވީ ތަނަކާމެދުގައެވެ.
މިދެންނެވި ފަހަރު ވިދާޅުވިއެވެ. އިޒްރޭލަކީ ކުޑަކުޑަ ގައުމެކެވެ. އިޒްރޭލުގެ އިމުގެ ތެރޭގައި ފަލަސްތީނޭ ކިޔުނު ދައުލަތެއް އުފައްދާނޭ ޖާގައެއް ނެތެވެ. އެހެނެއް ނޫނެވެ. އަރަބީންގެ ބިންތައް ބޮޑެވެ. ޖާގަވެސް އެބައޮތެވެ. އެހެންވީމާ ތިޔަ ކިޔާ ފަލަސްތީނުގެ ދައުލަތް ޖޯޑަންގައި، ސީރިޔާގައި ނުވަތަ މިސްރުގައި ގާއިމުކުރަންވީ ނޫންހެއްޔެވެ. އިޒްރޭލަކުން ނެއްޓެން ނޭނގިގެން އުޅެނީ ކީއްވެގެން ބާވައެވެ. އިޒްރޭލުގެ ޓީވީގައި 2015 ވަނަ އަހަރުވެސް ހަމަ މިކަމާމެދު ހަކަބީ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ވިދާޅުވިއެވެ. މެދުއިރުމައްޗަށް ސުލްހަ ގެނައުމުގެ ފޯމިއުލާއަކީ ފަލަސްތީނުގެ ދައުލަތެއް ވުޖޫދުކުރުން ކަމަށްވަންޏާ އެކަން ކުރަންވީއެވެ. ލަސްކުރާނޭ ކަމެއްވެސް ނެތެވެ. އެކަމަކު އިޒްރޭލުގެ ސަރަހައްދުގެ ތެރެޔަކު ނޫނެވެ. މެދުއިރުމަތީގައިވާ އަރަބި ގައުމުތަކުގައި ބިން އެބައޮތެވެ. ފުދިއިތުރުވެސް ވެއެވެ. އެހެންވީމާ އެއިން ތަނެއްގައި ތިޔަ ދައުލަތް ހަދާށެވެ.
އަދިވެސް އޭނާ ވިދާޅުވިއެވެ. އަހަރެން އެކަމާ ދެކޮޅެއް ނޫނެވެ. ދެކޮޅު މިހަދަނީ އިޒްރޭލުގެ ސަރަހައްދަށް ދައުވާކުރާތީއެވެ. ގުދުސޭ، ހުޅަނގުއައްސޭރިއޭ ކިޔާތީއެވެ. ހަކަބީ ގަބޫލުކުރައްވާ ގޮތުގައި ހުޅަނގުއައްސޭރީން ބަޔަކާއި ގާޒާ ހިމެނޭހެން ފަލަސްތީނުގެ ދައުލަތެއް ވުޖޫދުކުރުމަކީ އިންސާފެއް ނޫނެވެ. އެއީ އިޒްރޭލަށް ވެވޭ ބޭއިންސާފެކެވެ. އެކަހަލަ ބޭއިންސާފަކީ ސުލްހަ ގެނެވޭނެ އެއްޗެއް ނޫނެވެ. އަދި ދެމެހެއްޓޭނެ އެއްޗެއްވެސް ނޫނެވެ. އަދިވެސް އޭނާ ވިދާޅުވެއެވެ. ތާރީޚަށް ބެލީމާ އަރަބީންނޭ ކިޔުނު ބަޔަކާއި ފާރިސީންނޭ ކިޔުނު ބަޔަކު ފެނެއެވެ. މިހާރުވެސް އެބަތިއްބެވެ. އެކަމަކު ފަލަސްތީނެއް ނެތެވެ. ފަލަސްތީނު މީހުންނެއްވެސް ނެތެވެ. ފަލަސްތީނުގެ ބިމެއްވެސް ނެތެވެ. ތާރީޚަށް ބެލީމާ ފެންނަނީ އިޒްރޭލެކެވެ. ޔަހޫދީންގެ ވަޒަނެކެވެ. ފަލަސްތީނޭ ކިޔައިގެން މިހާރު ބަޔަކު އެކުޅެނީ ސިޔާސީ ކުޅިވަރެކެވެ. ފަލަސްތީނުގެ ނަން ބޭނުން އެކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ.
ހަކަބީގެ ބަހުރުވައިންނަމަ މިދެންނެވި ސިޔާސީ ހަތިޔާރު ބޭނުންކުރުމުގެ ބޭނުމަކީ އިޒްރޭލުގެ ބިންތަކަށް ވެރިވެގަންނަން މަގުފަހިކުރުމެވެ. ހަމަހިލާ އެހެންވިޔަކަ ނުދެއްވާނޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ކޮންމެއަކަސް މިހިރީ ހަކަބީގެ ފިކުރެވެ. ބަސްމަގެވެ. ވިސްނުމެވެ. ސިޔާސަތެވެ. އޭނާ އެވަޑައިގަންނަވަނީ ސަފީރުކަމާއިގެން އިޒްރޭލަށެވެ. މި ލިޔުން ފަށަމުންވެސް ބަޔާން ކުރެވުނު ފަދައިން އިޒްރޭލަށް އެމެރިކާއިން ސަފީރުން ފޮނުވަނީ އެމެރިކާގެ ރަސްމީ ސިޔާސަތާއި އެމީހެއްގެ ފިކުރު އެއްގޮތްވާނަމައެވެ. ފަލަސްތީނާމެދު ހަކަބީ ދައްކަވާފައިވާ ވާހަކަފުޅުތަކަކީ އޭނާގެ މިހާރުގެވެސް ފިކުރުތޯ ކުރެވޭ ސުވާލުގެ ޖަވާބު ޓްރަމްޕުގެ އިންތިގާލީ ޓީމަކުން ނުދެއެވެ. އޭގެ ބަދަލުގައި ޓްރަމްޕު ވިދާޅުވެފައިވަނީ އިޒްރޭލަށް އޭނާ ފޮނުއްވާނީ ފިސާރިޔަކަށް އިޒްރޭލް ދެކެ ލޯބިވާ އަދި އިޒްރޭލުގެ ރައްޔިތުންވެސް އެމީހަކު ދެކެ ލޯބިވާ މީހެއް ކަމުގައެވެ. އެމީހަކީ ހަކަބީ ކަމުގައެވެ. މިވަރުން ޓްރަމްޕުގެ ފިކުރު ވަރަށްވެސް ސާފުކޮށް އެބައެނގެއެވެ.