ރަޝިއާގެ ރައީސް، ވްލަޑިމިއަ ޕޫޓިން މަރާލުމަށް ގޮވާލި އަންހެނަކު 8 އަހަރަށް ޖަލަށްލައިފިއެވެ.
ރައީސް ޕޫޓިން މަރާލުމަށް ގޮވާލައި އޮންލައިން ޕްލެޓްފޯމެއްގައި ލިޔުނު އެ މީހާއަށް ހުކުމް ކޮށްފައިވަނީ މޮސްކޯގައި ހުންނަ މިލިޓަރީ ކޯޓަކުންނެވެ.
އުމުރުން 43 އަހަރުގެ އަނަސްތޭޝިއާ ނަމަކަށް ކިޔާ އެ އަންހެން މީހާ ވަނީ ރަޝިއާއިން ކުރާ ހަނގުރާމައާ ދެކޮޅަށް ތެދުވެފައި ކަމަށްވެސް ކޯޓުން ކުރި ހުކުމްގައި ބުނެފައިވެއެވެ. މީގެ އިތުރުން އެ ގައުމުގެ އިސް ލީޑަރުން މަރަންވެސް މި އަންހެންމީހާ ގޮވާލާފައިވާކަމަށް ހުކުމްގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ރައީސް ވްލަޑިމިއަ ޕޫޓިން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވެއެވެ.
އަނަސްތޭޝިއާ އަށް ހުކުމް ކޮށްފައިވާއިރު ކޯޓުގައި ވާހަކަ ދައްކަމުން އޭނާ ވަނީ އެ ހުކުމާ މެދު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި ކޯޓުން ނިންމި ނިންމުން ބަލައިގަންނަ ކަމަށް ބުނެފައެވެ.
އަނަސްތޭޝިއާ އަކީ ނަފުސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށާއި އޭނާގެ ދެ ކުޑަކުދީން އެބަތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަޝިޔާ އާއި ޔޫކްރޭނު ކުރަމުން އަންނަ ހަނގުރާމައާ ދެކޮޅު ވާހަކަ ދެއްކި ކަމަށްބުނެ މިހާތަނަށް 1000 އަކަށްވުރެ ގިނަ މީހުންނަށް ރަޝިޔާއިން ވަނީ އަދަބު ދީފައެވެ. އަދި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި 20،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.