ދުނިޔެ

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން، ބާލީއަށް ދަތުރުކުރާ ފްލައިޓުތައް ކެންސަލްކޮށްފި

މުހައްމަދު އައުޒަމް

އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން، އިންޑޮނޭޝިއާގެ ބާލީއަށް ދަތުރުކުރާ ފްލައިޓުތައް ކެންސަލް ކޮށްފިއެވެ.

ބާލީއަށް ދަތުރުކުރާ ފުލައިޓުތައް ކެންސަލް ކުރީ، އިންޑޮނޭޝިއާގެ މައުޓް ލެވޯޓޮބީ ލަކި ލަކީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބޯ ދުމާއި އަޅީގެ ސަބަބުން ދުރުފެންނަ ނިސްބަތް ދަށްވުމުގެ ސަބަބުންނެވެ.

ބާލީއަށް އާންމުކޮށް ދަތުރުކުރާ އޮސްޓްރޭލިއާ އާއި ހޮންގްކޮންގުގެ އިތުރުން އިންޑިއާ، މެލޭޝިއާ އަދި ސިންގަޕޫރުން ދަތުރުކުރާ ފްލައިޓުތައް ވެސް ކެންސަލް ކޮށްފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މައުޓް ލެވޯޓޮބީ ލަކި ލަކީ ގޮވައި އެ ފަރުބަދަ ހިމެނޭ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ. މިހާތަނަށް ނުވަ މީހަކު މިގޮވުމާ ގުޅުންހުރި އެކި ހާދިސާތަކުގައި މަރުވެފައިވާއިރު 31 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.