މުހައްމަދު އައުޒަމް
ލަންކާ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި އިންޑިއާގެ 12 މީހަކު ހައްޔަރުކޮށްފިއެވެެ.
ލަންކާގެ ނޭވީން ހިންގި އޮޕަރޭޝަނެއްގައި އިންޑިއާއަށް ނިސްބަތްވާ 12 މީހުން ހައްޔަރުކޮށް އެމީހުން ބޭނުންކުރި މަސްބޯޓު ވަނީ ނޭވީގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
ލަންކާގެ ޖަފްނާ ސަރަހައްދާ ދިމާލު ކަނޑުމަތީގައި ހިންގި އެ އޮޕަރޭޝަނަކީ އެ ގައުމުގެ ނޭވީން އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ މަސްބޯޓުގެ އިތުރުން ހައްޔަރުކުރި 12 މީހުން ލަންކާގެ ކަންކެސަންތުރާއި ބަނދަށް ގެންގޮސް އެ ސަރަހައްދުގެ މަސްވެރިކަމާ ބެހޭ އިދާރާއަށް ހަވާލުކޮށްފައިވާކަމަށް ނޭވީން ބުނެއެވެ.
ލަންކާގެ ނޭވީން މި އަހަރު މިހާތަނަށް ހިންގި އެކި އޮޕަރޭޝަން ތަކުގައި މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ 66 މަސްބޯޓުގެ އިތުރުން 497 މަސްވެރިން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.