ޗައިނާގައި ކާރަކުން ޖެހި 35 މީހަކު މަރުވެއްޖެއެވެ.
ދެކުނު ޗައިނާގެ ޒޫހައި ސިޓީގައި ހިނގި އެ ހާދިސާގައި ސްޕޯޓްސް ސެންޓަރެއްގައި މީހުން ގިނަ ވަގުތެއްގައި ބާރު ސްޕީޑެއްގައި ދުއްވި ކާރުން ޖެހި 35 މީހުން މަރުވެފައިވާއިރު 40 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ސިޓީގެ ފުލުހުން ވަނީ ހާދިސާގައި ދުއްވި ކާރުން ޖެހިގެން އަނިޔާވި އެންމެނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ އެ ކާރު ދުއްވި އުމުރުން 62 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާއާ ސުވާލު ކުރުމުން އެ އަމަލު ހިންގާފައިވަނީ އޭނާގެ އަނބިމީހާ ވަރިކުރި މައްސަލައިގައި އައި ރުޅީގައި ކަމަށް ފުލުހުންނަށް ކިޔާދީފައެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގުމާއެކު އެ ސަރަހައްދުން ފިލަން މަސައްކަތް ކުރަނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާގެ ރައީސް ޝީޖިން ޕިން ވަނީ އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް އަމުރުކުރައްވާފައެވެ. އަދި އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަަކަށް ފިޔަވަޅު އެޅުމަށް ވަނީ އަންގަވައިފައެވެ.