އެފްރިކާގައި ޑިމޮކްރަޓިކް ވެރިކަމެއް ހިނގާ ގައުމެއް އޮވޭބާވައެވެ. މިޒަމާނުގެ ޑިމޮކްރަސީ އޭގެ ފުރިހަމަ ގޮތުގައި ހިނގުމަށް އެފްރިކާގެ އެއްވެސް ގައުމެއްގައި ފުރުސަތު އޮވޭބާވައެވެ. ދުނިޔޭގެ އެކި ކޮންޓިނެންޓްތަކުގެ ތެރެއިން މިނިވަން ގައުމުތައް އެންމެ ގިނަ ކޮންޓިނެންޓަކީ އެފްރިކާއެވެ. އެފްރިކާއަށް ނިސްބަތްވާ ގައުމުތަކުގެ އަދަދު ފަންސާސް ހަތަރެކެވެ. ސައިޒުގެ ގޮތުން އަދި އާބާދީގެ ގޮތުން ދުނިޔޭގެ އެންމެ ބިޔަ ކޮންޓިނެންޓް ކަމަށްވާ އޭޝިޔާއަށްވުރެވެސް އެފްރިކާގައި ހަ ގައުމު އިތުރެވެ. އެފްރިކާގައި ޖުމްލަ 1.5 ބިލިއަން މީހުން ދިރިއުޅެއެވެ. އެއީ މުޅި ދުނިޔޭގެ އާބާދީގެ ގާތްގަޑަކަށް އަށާރަ އިންސައްތައެވެ. އެކަމަކު ޑިމޮކްރަސީއަށް އެންމެ ބީރައްޓެހި ކޮންޓިނެންޓަކީ އެފްރިކާއެވެ. ފުރިހަމަ ޑިމޮކްރަޓިކް ވެރިކަމެއް ހިނގާ ގައުމުތައް އެންމެ މަދީ އެފްރިކާގައެވެ. ވެރިކަން ވައްޓައިލުމަށް ބަޣާވާތްކުރުމާއި އަހުލީ ހަނގުރާމަތަކާއި ކޮރަޕްޓް ވެރިން އެންމެ ގިނަ ކޮންޓިނެންޓަކީވެސް އެފްރިކާއެވެ.
ގައުމުތައް އެންމެ ގިނަ ކޮންޓިނެންޓް ކަމަށްވުމުގެ އިތުރަށް ދުނިޔޭގެ އެންމެ ފަގީރު ކޮންޓިނެންޓަކީވެސް އެފްރިކާއެވެ. ފަގީރު ގައުމުތައް އެންމެ ގިނައީ އެފްރިކާގައެވެ. ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ އެންމެ ފަގީރު ސާޅީސްފަސް ގައުމުގެ ތެރޭގައި އެންމެ ގިނައީވެސް އެފްރިކާގެ ގައުމުތަކެވެ. އެންގޯލާ، ބެނިން، ބުރުކީނަފާސޯ، ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޗާޑް އަދި ކޮމޯރޯސްފަދަ ގައުމުތަކެވެ. ދުނިޔޭގެ އެންމެ ކޮރަޕްޓް ގައުމުތަކުގެ ތެރޭގައިވެސް އެންމެ ގިނައަދަދަކަށް ހިމެނެނީ އެފްރިކާގެ ގައުމުތަކެވެ. ސޮމާލިޔާ، ދެކުނު ސޫދާން، އިކުއެޓޯރިއަލް ގިނީ އަދި ލީބިޔާފަދަ ގައުމުތަކެވެ. ޑިމޮކްރަސީގެ އަސަރު އެންމެ ކުޑަ ގައުމުތަކުގެ ލިސްޓެއް ހަދައިފިއްޔާ އެ ލިސްޓަށްވެސް އެންމެ ގިނައިން އަރާނީ އެފްރިކާގެ ގައުމުތަކެވެ. އެރީތުރިޔާ އާއި ނީޖަރާއި ޑިމޮކްރަޓިކް ކޮންގޯއާއި ޗާޑާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްފަދަ ގައުމުތަކެވެ. މިޒާތުގެ ކޮންމެ ލިސްޓެއް ހެދިޔަސް ބޮޑުތަނުން އެއްވަނަ އެފްރިކާއަށެވެ.
އެފްރިކާގައި ފަގީރުކަން އާއްމުވުމާއި ކެކުޅުންތައް އިތުރުވުމާއި ޑިމޮކްރަސީ ފައްކާނުވުމުގެ ސަބަބުތައް ބައިވަރެވެ. ގުދުރަތީ ވަސީލަތްތައް އެބަހުއްޓެވެ. ބިމުގެ ގޮތުން އަދި ބިމުގެ އަޑިން ނެގޭ ތަކެތީގެ ގޮތުން އެންމެ މުއްސަނދި އެއް ކޮންޓިނެންޓަކީ އެފްރިކާއެވެ. އެކަމަކު މި މުއްސަނދިކަމުގެ ފައިދާ ރައްޔިތުންނަށް ލިބުން ކުޑައެވެ. އެކަން އެހެން ހިނގުމުގެ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ކޮރަޕްޝަނެވެ. ސަރުކާރުތައް ދޯދިޔާވުމެވެ. ރައްޔިތުންނާމެދު ވިސްނުން ކުޑަވުމާއި އަމިއްލަ ޖީބު ބޮޑުކުރުމުގެ ވިސްނުން އިތުރުވުމެވެ. ވެރިން ބަލަނީ ކޮންމެ ގޮތެއް ހަދާފައިވެސް ވެރިކަމުގައި ތިބެވޭތޯއެވެ. އިންސާފަކީ ހަމައެކަނި ކަރުދާހުން ފެންނަ ލަފުޒެކެވެ. މިހެން މިކަންއޮތީމާ ދެކޮޅުވެރިކަމަށް ޖާގަލިބި އަހުލީ ހަނގުރާމަތައް ފެށެއެވެ. ހަގީގަތުގައި މި ހާލަތަށް އެފްރިކާ ވެއްޓުނީ މިއަދަކު ނޫނެވެ. ވިލާތުގެ ފަރަންޖީން އެފްރިކާގެ ގައުމުތައް އިސްތިއުމާރުކޮށްގެން ކުރިހާވެސް ކަމަކީ އެތަންތަން ލޫޓުވުމެވެ.
އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ވިސްނުމެއް ފަރަންޖީ މުސްތައުމިރުން ނުވެސް ގެންގުޅެއެވެ. ސިޔާސީގޮތުން އެފްރިކާގެ ގައުމުތައް މިއަދު މިނިވަންވެފައި ތިއްބަކަސް އިގްތިސާދީގޮތުން ގިނަ ގައުމުތައް އަދިވެސް އެތިބީ ކަސްތޮޅު އެޅިފައެވެ. އެފްރިކާގެ ހަގީގީ މުއްސަނދިކަމުގެ ނަފާ މިއަދުވެސް ނަގަނީ މާދުރުގައި ތިބޭ ގައުމުތަކުންނެވެ. އެހެންވީމާ އެފްރިކާއަށް ހިންދެމިނުލެވެނީއެވެ. މިކަން މިހެންއޮތަސް ޑިމޮކްރަސީ ފައްކާވެފައިވާ އަދި އިގްތިސާދީގޮތުން ދުޅަހެޔޮ ގައުމުތަކެއް އެފްރިކާއިންވެސް އެބަފެނެއެވެ. ނިސްބަތުން މަދީއެވެ. ކޮރަޕްޝަން ކުޑަވެފައި ޑިމޮކްރަސީއަށް ތަބާވުން ބޮޑު ގައުމުތަކަށް ބަލައިލާއިރު އެބާވަތުގެ މިސާލުތައް ގިނައިން ފެންނަނީ އެފްރިކާގެ ބަނޑުދަށުގައިވާ ޖަޒީރާ ގައުމުތަކުންނެވެ. މޮރިޝަސް އާއި ސީޝެލްސް އަދި ކޭޕްވާޑް ހިމެނެނީ މިގިންތީގައެވެ. އެފްރިކާގެ މައިބައްރުގެ ތެރެއިން ކާމިޔާބީގެ ރަމްޒެއްގެ ގޮތުގައި ނެގެނީ އެންމެ ތިން ގައުމެކެވެ. ބޮޓްސްވާނާޔާއި ނެމީބިޔާ އަދި ގާނާއެވެ.
ކުރިން މިދެންނެވި ތިން ގައުމުގެ ތެރެއިން ގާނާއަކީ އެފްރިކާގެ ހުޅަނގުބިތުގެ ގައުމެކެވެ. ގާނާގެ ވަށައިގެން އެތިބީ ކޮރަޕްޝަނާއި ދާޚިލީ ހަމަނުޖެހުންތަކާއި އެކިކަހަލަ އުދާސްތަކުގެ ތެރޭގައި ހަފުސްވަމުންދާ ގައުމުތަކެވެ. ނެމީބިޔާއާއި ބޮޓްސްވާނާ ނިސްބަތްވަނީ އެފްރިކާގެ ދެކުނު ބިތަށެވެ. އެހިސާބުގައިވެސް ފެތުރިފައިވަނީ ނާމާންކަމެވެ. އެންގޯލާ، މޮޒަމްބީގު، ޒެމްބިޔާ އަދި ޒިމްބާބުވޭއަކީ އެހިސާބުގެ ގައުމުތަކެވެ. ޑިމޮކްރަސީ ފައްކާނުވެ އިނދަޖެހިފައިވާ ގައުމުތަކެވެ. އެހެންނަމަވެސް ބޮޓްސްވާނާޔާއި ނެމީބިޔާ ތަފާތެވެ. އެއީ ޑިމޮކްރަޓިކް ގައުމުތަކެވެ. އަދުލުއިންސާފާއި އުފާފާގަތިކަމުގައި ރައްޔިތުން ދިރިއުޅޭ ގައުމުތަކެވެ. ގައުމުގެ ގުދުރަތީ މުއްސަނދިކަން ހެޔޮގޮތުގައި ހިފޭތޯ ގަދައަޅައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އިސްކަންދޭ ގައުމުތަކެވެ. އަމިއްލަ އެދުން އިސްނުކޮށް ގާނޫނަށް ތަބާވުމުގެ ރޫހު އަށަގެންފައިވާ ގައުމުތަކެވެ. އެއީ އެފްރިކާގެ އެހެނިހެން ގައުމުތަކަށް ނަމޫނާ އެކެވެ. މިސާލެކެވެ.
ބޮޓްސްވާނާއަކީ ބިމުގެ ސައިޒު ބޮޑު އެހެންނަމަވެސް އާބާދީ ކުޑަ ގައުމެކެވެ. މިނިވަންކަން ލިބުނީ މީގެ 58 އަހަރު ކުރިންނެވެ. އޭގެފަހުން މިހާތަނަށް އެގައުމުގައި ހިނގަމުން އަންނަނީ ޑިމޮކްރަޓިކް ވެރިކަމެކެވެ. ސިފައިން ވެރިކަމާ ތޮޅޭކަށް ނުނިކުމެއެވެ. އިންގިލާބެއް ނުގެނެއެވެ. އިންތިޚާބުތަކުން ކުރިހޯދުމަށް އެއްވެސް ވެރިޔަކު ވޯޓުފޮށިތަކާ ނުކުޅެއެވެ. ބޮޓްސްވާނާގެ އިގްތިސާދުގެ އެންމެ ފަލަ ލޭނާރަކީ ޑައިމަންޑް މައިންތަކުގެ އިންޑަސްޓްރީއެވެ. ވިކޭ ކޮންމެ ޖަވާހިރަކުން ބައެއް ވެރިމީހާޔާއި އޭނާގެ އައުވާނުންނަށް އެޅޭތޯ މަސައްކަތް ކުރުމެއް ނެތެވެ. ހުސްވި ހަފުތާ ތެރޭގައި ބޮޓްސްވާނާގެ ރައްޔިތުންވަނީ އެތާގެ އާއްމު އިންތިޚާބުގައި ވޯޓުދީފައެވެ. މި އިންތިޚާބުގައި ބޮޓްސްވާނާ ޑިމޮކްރަޓިކް ޕާޓީ ވަނީ ބޮޑުވެގެންވާ ބައްޔަކުން ބަލިވެފައެވެ. އެއީ ފާއިތުވި 58 އަހަރު ވެރިކަންކުރި ޕާޓީއެވެ. ހައިރާންކުރަނިވި ނަތީޖާއެކެވެ. އެކަމަކު ނަތީޖާ ގަބޫލު ނުކުރައްވައި ވެރިކަމުގައި ދެމިހުންނަވާކަށް ރައީސް މަސީސީ މަސައްކަތެެއް ނުކުރައްވައެވެ. ރީތިގޮތުގައި ވެރިކަމުން ފައިބާވަޑައިގެން އައުރައީސް ޑޫމާ ބޯކޯއާ ވެރިކަމުގެ ބާރުތައް ވަނީ ހަވާލު ކުރައްވައިފައެވެ. ތަންތަން އެންދުމެއް، މުޒާހަރާއެއް، ބިރުވެރިކަމެއް، ނުތަނަވަސްކަމެއް ނެތެވެ.