ހުޅުމާލޭ އިރުމަތީ ފަރާތުގެ ބީޗު ސަރަހައްދު އެކި ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކުރަން ދޫކޮށްލާފައި އޮތީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި ގަވައިދާ ޚިލާފަށް އެކަން ކުރަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް އަންގައިފި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިހެން ބުނީ އެ އެއްވެސް އުސޫލެއް ނެތި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި ބޭނުމަށް ބޭނުންކުރަމުންދާ ކަމަށާއި، އަދި އެސަރަހައްދުގައި ހުރި ބައެއް ގެސްޓްހައުސްތަކުން ކުރިމަތީގައި އޮތް ހުސްބިން އަމިއްލަ ފަރާތްތަކަށް ކުއްޔަށްދީގެން ފައިދާ ނަގަމުންދާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީން)ގެ ފަރާތުން އެއްވެސް ފިޔަވަޅެއް ނާޅާ، އެފަރާތްތަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް އަމަލުކުރަމުންދާކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ބެލުމަށް ފަހު މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އޭސީސީގެ ބަޔާނުގައި ބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެތަންތަން ހުސްކުރަން އެޗްޑީސީން އިއުލާނެއް ކުރި ކަމަށާއި އެ އެންގުމާ ގުޅިގެން ބައެއް ފަރާތްތަކުން އެ އެންގުމަށް އަމަލުކުރި ކަމަށެވެ. އަދި އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކްޝަން ޕްލޭނެއް ހަދާފައި ވަނިކޮށް، އެ ފަރާތްތަކަށް ފިޔަވަޅު ނޭޅުމަށާއި އެންގުމާ އެއްގޮތަށް އަމަލުކުރި ފަރާތްތަކަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ގޮތަށް ވަކި ބަޔަކަށް އެ ހުއްދަ ދިނުމަށް ނިންމާފައިވާ ނިންމުމަކީ ޒިންމާދާރުގޮތެއްގައި ނިންމާފައިވާ ނިންމުމެއް ނޫންކަމާއި އޭގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ގޮތުގައި މަންފާ ނެގުމަށް ފުރުސަތު ލިބިގެންދާކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ އެންގުމަށް އަމަލުކުރި ފަރާތްތަކަށް ވަގުތީ ހުއްދައެއް ދޭން ނިންމި އިރު މައިގަނޑު ތިން ކަމެއް ޝަރުތުކުރާން އެޗްޑީސީން ނިންމާފައިވާކަން ފާހަގަވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެއީ، ގޮނޑި މޭޒުފަދަ ހިފައި ގެންގުޅޭ ފަރުނީޗަރު ބިމަށް ހަރުނުކޮށް ބެހެއްޓުމާއި އެއްވެސް ޒާތެއްގެ އިމާރާތެއް ނުވަތަ ހިޔާގަނޑެއް ނުހެދުމާއި ސަރުކާރުގެ އެއްވެސް އިދާރާއަކުން މަނާކޮށްފައިވާ ކަމެއް ނުކުރުމާއި ގަސްގަހާގެހި އުފުރައި ނުވަތަ ކަނޑައި ނުހެދުމާއި އެސަރަހައްދުގައި ތިމާވެއްޓަށް ގެއްލުންވާނޭފަދަ ކަމެއް ނުކުރުން އަދި އެ ސަރަހައްދުގައި ބަހައްޓާ ގޮނޑި މޭޒުފަދަ ފަރުނީޗަރުތަކަކީ އާންމުންނަށް އެއްވެސް ޝަރުތަކާނުލައި ބޭނުންކުރެވޭނެ ތަކެތި ކަމުގައި ވުމެވެ.
އޭސީސީގެ ބަޔާނުގައި ބުނީ ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމަށް އެޗްޑީސީން ބުނާއިރު، އެއްވެސް ފަރާތަކަށް ދީފައި ނުވާނަމަ އެތަން އާންމުކޮށް ބޭނުންކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ވާ ކަމަށާއި އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗް.ޑީ.ސީން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައިދިނުން ކަމަށް ބެލެވިދާނެކަމާއި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެހެންކަމުން އަލުން ހުއްދަ ދިނުމުގައިވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައިވިޔަސް އެއްވެސް ކުށްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ އަދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫން ކަމަށާއި ކުށްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުށްޔަށް ދިނުމަށާއި އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އާންމުކޮށް އިއުލާނުކޮށްގެން އެކަންކުރުމަށް އަންގާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ހުޅުމާލޭ ބީޗް ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް ހުއްދަދޭނަމަ އެކަމަށް ހަރުދަނާ އުސޫލެއް އެކުލަވާލައި އެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެޗްޑީސީއަށް އަންގާފައިވާ ކަމަށެވެ. އަދި އެފަދަ އުސޫލެއް އެކުލަވާލާއިރު، ބީޗް ސަރަހައްދަކީ އާންމުން ބޭނުންކުރާ ތަނެއްކަމަށް ދެކި އާންމުންނަށްވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނޭގޮތަށް އެސޫލު އެކުލަވައިލުމަށްވެސް އެޗްޑީސީއަށް އަންގާފައިވާނެ ކަމަށެވެ.
އޭސީސީން ބުނީ ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު އާންމުކޮށް ބޭނުންކުރަމުންދަނީ އެ ސަރަހައްދުގެ ގެސްޓް ހައުސްތަކުން ރެސްޓޯރަންޓް ވިޔަފާރިކުރުމަށް ކަން އެނގޭ ކަމަށެވެ. އޭސީސީއަށް ލިބިފައިވާ ބައެއް ޝަކުވާ ތަކުގައި ބައެއް ގެސްޓްހައުސްތަކުން އެ ގެސްޓްހައުސްއެއްގެ ކުރިމަތީގައިވާ ބީޗް ސަރަހައްދު ގެސްޓްހައުސްގެ ވެރިފަރާތް ނޫން އެހެން އަމިއްލަ ފަރާތަކަށް ކުށްޔަށްދީގެން ނަފާ ހޯދާކަމަށް ތުހުމަތުކޮށްފައިވާތީ އެ ކަމަކީ ގާނޫނީގޮތުން ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ނުވާތީ އެ ކަންވެސް ބަލައި ފިޔަވަޅު އެޅުމަށް އެޗްޑީސީއަށް އަންގާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު ދިނުމުގައި އެކަމަކީ ވަގުތީ ގޮތުން ކުށްޔަށް ދޭ ދިނުމެއް ކަމަށް ވީނަމަވެސް، މައްސަލައިގައި މިހާތަނަށް ކަންތައް ވެފައިވާގޮތަށް ބަލާއިރު އަދިވެސް ބައެއް ފަރާތްތަކުން އެޗްޑީސީން އެންމެފަހުން އަމަލުކުރަން ނިންމި އުސޫލުތަކަށް ބޯނުލަނބާކަން ފާހަގަކޮށްފައިވާއިރު އެ ކޯޕަރޭޝަނުން މިކަމަށް އެކަށީގެންވާފަދަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އޭސީސީެ ބަޔާނުގައި ބުނެފައިވެ އެވެ.
"ވަކި ބަޔަކު އެންގުމަށް ބޯނުލެނބުމުން އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުން ކަމަށް ތުހުމަތު ކުރެވިދާނެކަމެއްކަމާއި މިއީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއްކަމަށްވާތީ މިކަން ސީރިޔަސް މައްސަލައެއްގޮތުގައި ދެކި ކަނޑައެޅިފައިވާ ފިޔަވަޅުތައް އެ ފަރާތްތަކާމެދު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އެންގިފަ" އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.