ޚަބަރު

އަޒްމިރަލްދާ ހުށަހެޅުއްވި ޝާމިލްގެ މައްސަލަ އޭސީސީން ބަލައިގެންފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝަމިލްއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުށަހެޅުއްވި މައްސަލަ އެ ކޮމިޝަނުން ބަލައިގެންފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އޭސީސީން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

އޭސީސީގެ ރައީސް ޝާމިލަށް، ފަނޑިޔާރު އަޒްމިރަލްދާ މިމަހުގެ 11 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ، ރަސްމީ ހައިސިއްޔަތު ނުވަތަ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެން ނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައިވާތީ، ޖިނާއީ ކުށުގެ އެ އަމަލު އަވަސް ގޮތެއްގައި ތަހުގީގުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އޭސީސީގެ އޮފިޝަލަކު "ވަން"އަށް މިރޭ ވިދާޅުވީ އެ މައްސަލަ ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން މިއަދު ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މައްސަލަ ހުށަހެޅުއްވުމަށް އަޒްމިރަލްދާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޖޭއެސްސީން ވަނީ ފަނޑިޔާރުކަމުން އޭނާ ސަސްޕެންޑްކޮށްފައި ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުން އޭނާ ވަގުތީ ގޮތުން އެކަހެރި ކުރި ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކާ ގުޅިގެން އޭސީސީން މައްސަލައެއް ބަލަމުންދާކަން މިހާތަނަށް ވެސް އޭނާއަށް އަންގާފައިނުވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭސީސީން، ޖޭއެސްސީއަށް މިކަމާ ގުޅިގެން ސިޓީއެއް ފޮނުވާފައިވަނީ އިޖުރާއަތުގެ ބޭރުންކަން މީޑިއާތަކުގައި ހުރި މައުލޫމާތުން އެނގޭ ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ސިޓީގައި ފާހަގަކުރެއްވި ކަންކަން:

  • އޭސީސީން، ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާންމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެންކަން
  • އޭސީސީން ފޮނުވި ސިޓީގައި ނަންބަރެއް ނެތްކަން
  • އޭސީސީން އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގި އިރު، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް އޭސީސީން ނިންމާފައިނުވާކަން
  • އޭސީސީގެ އިޖުރާއަތްތައް ތަރުތީބުވެފައިވާ ގޮތުން އޭނާއާ ގުޅޭގޮތުން "ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް" ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ތަހުގީގެއް އޭސީސީން އެހާތަނަށް ވެސް ފަށާފައި ނެތް ކަމާއި 04 މާޗު 2025 އާ ހަމައަށް ވެސް މައްސަލަ އޮތީ އިވެލުއޭޝަން ނުވަތަ ޕްރީ އިންވެސްޓިގޭޝަން ސްޓޭޖުގައިކަން
  • އެއީ ތަހުގީގުކުރުމަށް ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާއެއްކަން
  • އޭނާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް "ތަހުގީގުކުރެވެމުންދާ ކަމަށް" ބުނެ އޭސީސީގެ ރައީސް އާދަމް ޝަމީލް، ޖޭއެސްސީއަށް ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެެއްކަން އެނގޭ ކަމަށް

"އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝަމީލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވި ސިޓީއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތާވަލުކުރެެވިފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެކެވެ..،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވެއެވެ.

އޭސީސީގެ އާންމު އިޖުރާއަތްތަކާ ހިލާފުވެ ޝާމިލް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލައި، ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ސޓީ ފޮނުވާފައިވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ އޮފީހުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށް ދިނުމަށް ކަމަށް އަޒްމިރަލްދާ ވިދާޅުވެފައިވެއެވެ. އަދި އޭސީސީގެ ރައީސްގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އޭސީސީގެ ގާނޫނަށް ގެނައި އިސްލާހުގައި ކަނޑައަޅައިފައިވާތީ، އެކަން ޝަމީލް ކުރައްވާފައިވަނީ އަމިއްލަ މަގާމު ދިފާއުކުރުމުގެ މަސްލަހަތުގައި ކަމަށް ވެސް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވެއެވެ.

"އިސްވެ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝަމީލްގެ އަމަލުތަކަކީ ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައިވާތީ، ޖިނާއީ ކުށުގެ މި އަމަލު އަވަސް ގޮތެއްގައި ތަހުގީގުކޮށްދެއްވުމަށް ހުށަހަޅަމެވެ..،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވަނީ ޝަމީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށާއި ސިޓީން ހުށަހަޅާ މައްސަލަ ރަޖިސްޓްރީކޮށްދީ، އޭސީސީން މައްސަލަ ތަހުގީގުކުރާ އިޖުރާއަތުގެ ދަށުން މައްސަލަ ރަޖިސްޓްރީ ކުރިކަމުގެ ލިޔުން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.