ޚަބަރު

އޭސީސީގެ ރައީސް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ވިދާޅުވެ ފަނޑިޔާރު އަޒްމިރަލްދާ އޭސީސީއަށް

މުހައްމަދު އިޝާން

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝަމީލް، މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކުރި މައްސަލައެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެ ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ، ކޮމިޝަނަށް ހާޒިރުވުމަށް ޖޭއެސްސީން ވަނީ އަންގައިފައެވެ. ނަމަވެސް ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ ފަނޑިޔާރު މަހާޒް އެކަންޏެވެ. ފަނޑިޔާރު އަޒްމިރަލްދާ އަދިވެސް ކޮމިޝަނަށް ހާޒިރުކޮށްފައިނުވެއެވެ.

އޭސީސީގެ ރައީސް ޝާމިލަށް، ފަނޑިޔާރު އަޒްމިރަލްދާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޖޭއެސްސީން ވަނީ ފަނޑިޔާރުކަމުން އޭނާ ސަސްޕެންޑްކޮށްފައި ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުން އޭނާ ވަގުތީ ގޮތުން އެކަހެރި ކުރި ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކާ ގުޅިގެން އޭސީސީން މައްސަލައެއް ބަލަމުންދާކަން މިހާތަނަށް ވެސް އޭނާއަށް އަންގާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭސީސީން، ޖޭއެސްސީއަށް މިކަމާ ގުޅިގެން ސިޓީއެއް ފޮނުވާފައިވަނީ އިޖުރާއަތުގެ ބޭރުންކަން މީޑިއާތަކުގައި ހުރި މައުލޫމާތުން އެނގޭ ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ސިޓީގައި ފާހަގަކުރެއްވި ކަންކަން:

އޭސީސީން، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވަނީ އާއްމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫން ކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެންކަން އޭސީސީން ފޮނުވި ސިޓީގައި ނަންބަރެއް ނެތްކަން އޭސީސީން އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގި އިރު، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް އޭސީސީން ނިންމާފައިނުވާކަން އޭސީސީގެ އިޖުރާއަތްތައް ތަރުތީބުވެފައިވާ ގޮތުން އޭނާއާ ގުޅޭގޮތުން "ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް" ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ތަހުގީގެއް އޭސީސީން އެހާތަނަށް ވެސް ފަށާފައި ނެތް ކަމާއި 04 މާޗު 2025 އާ ހަމައަށް ވެސް މައްސަލަ އޮތީ އިވެލުއޭޝަން ނުވަތަ ޕްރީ އިންވެސްޓިގޭޝަން ސްޓޭޖުގައިކަން އަދި އެއީ ތަހުގީގުކުރުމަށް ފެށުމުގެ ކުރިން މައުލޫމާތު އެއްކުރުމުގެ މަރުހަލާއެއްކަން އެހެންކަމުން އޭނާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް "ތަހުގީގުކުރެވެމުންދާ ކަމަށް" ބުނެ އޭސީސީގެ ރައީސް އާދަމް ޝަމީލް، ޖޭއެސްސީއަށް ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެެއްކަން އެނގޭ

"އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝަމީލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވި ސިޓީއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތާވަލުކުރެެވިފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެކެވެ" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

އޭސީސީގެ އާންމު އިޖުރާއަތްތަކާ ހިލާފުވެ ޝަމީލް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލައި، ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ސޓީ ފޮނުވާފައިވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ އޮފީހުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށް ދިނުމަށް ކަމަށް އަޒްމިރަލްދާ ވިދާޅުވިއެވެ. އަދި އޭސީސީގެ ރައީސްގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އޭސީސީގެ ގާނޫނަށް ގެނައި އިސްލާހުގައި ކަނޑައަޅައިފައިވާތީ، އެކަން ޝަމީލް ކުރައްވާފައިވަނީ އަމިއްލަ މަގާމު ދިފާއުކުރުމުގެ މަސްލަހަތުގައި ކަމަށް ވެސް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

"އިސްވެ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝަމީލްގެ އަމަލުތަކަކީ ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައިވާތީ، ޖިނާއީ ކުށުގެ މި އަމަލު އަވަސް ގޮތެއްގައި ތަހުގީގުކޮށްދެއްވުމަށް ހުށަހަޅަމެވެ،" ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ ޝަމީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށާއި ސިޓީއިން ހުށަހަޅާ މައްސަލަ ރަޖިސްޓްރީކޮށްދީ، އޭސީސީން މައްސަލަ ތަހުގީގުކުރާ އިޖުރާއަތުގެ ދަށުން މައްސަލަ ރަޖިސްޓްރީ ކުރިކަމުގެ ލިޔުން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.