ދުނިޔެ

އިޒްރޭލުގެ ހަމަލާއެއްގައި އިމާރާތެއް ދަށުވި ދެ އަހަރުގެ ކުއްޖަކު 14 ގަޑިއިރުފަހުން ސަލާމަތްކޮށްފި

މުހައްމަދު އައުޒަމް

އިޒްރޭލުން ދިން ހަމަލާއެއްގައި ލުބުނާނުގެ އިމާރާތެއް ދަށުވި ކުއްޖަކު 14 ގަޑިއިރު ފަހުން ސަލާމަތްކޮށްފިއެވެ.

އިޒްރޭލުން ދެކުނު ލުބުނާނަށް ދިން ހަމަލާއެއްގައި އެ ސަރަހައްދުގެ އިމާރާތެއް ބިމާހަމަވެފައިވާ އިރު، އެއް އާއިލާއެއްގެ އެންމެން ވަނީ މަރުވެފައެވެ. ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން ވަނީ ވެއްޓިފައިވާ އިމާރާތުގެ ދަށުން 14 ގަޑިއިރު ފަހުން ދެ އަހަރުގެ ކުޑަކުއްޖަކު ސަލާމަތް ކޮށްފައެވެ.

އުމުރުން ދެ އަހަރުގެ އަލީ ހަލީފާ ނަމަކަށް ކިޔާ އެކުއްޖާ ފެނުމާ އެކު އަވަސްފަރުވާ ދިނުމަށް ފަހު ވަގުތުން ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން ދިން އެ ހަމަލާގައި ބިމާހަމަވެފައިވާ އެ އިމާރާތުގައި ދިރިއުޅޭ 15 މީހަކު ވަނީ މަރުވެފައެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ޓީމުތަކުން އެ އިމާރާތުން އެއްވެސް މީހަކު ސަލާމަތް ނުވާނެ ކަމަށް ނިންމައި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ ތެރޭގައި އެ ކުޑަކުއްޖާ ފެނުމުން، ބޮޑު ހައިރާންކަމެއް ކުރިމަތިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ފަހުން އެ ހަމަލާތަކުގައި 2600 މީހުން ލުބުނާނުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.