ދުނިޔެ

ތިން އަހަރުގެ ކުއްޖަކު ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

މުހައްމަދު އައުޒަމް

އުމުރުން ތިން އަހަރުގެ ކުއްޖަކު ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޕާކިސްތާނުގެ އުމުރުން ތިން އަހަރުގެ އެ ކުއްޖާ މައްސަލަ ހުށަހަޅާފައިވަނީ، ސަރުކާރުން ވައި ނުސާފުވެފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.

އަމާލް ސެހޭރާ ނަމަކަށް ކިޔާ އެ ކުއްޖާ މި މައްސަލަ ވައްދާފައިވަނީ ގާނޫނީ ވަކީލަކު މެދުވެރިކޮށް، ޕާކިސްތާނުގެ ލާހޯރުގެ ހައި ކޯޓަށެވެ.

އަމާލް ހުށަހަޅާފައިވާ މައްސަލައާ އެކު އެ ކުއްޖާ ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި ކުޑަކުދީންނާއި އުމުރުން ދުވަސްވީ މީހުންނަށް އެގައުމުގެ ވައި ނުސާފު ވުމުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށާއި ސިއްހީ ގޮތުން ގިނަ މައްސަަލަތަކެއް ކުރިމަތިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާ ރައްޔިތުންނަށް ސާފު އަދި ދުޅަހެޔޮ މާހައުލެއް ގާއިމުކޮށްދިނުން ސަރުކާރުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމަށް އަމާލް ހުށަހެޅި ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ ވައި ނުސާފުވެފައިވާ މައްސަލަ ހައްލު ކުރުމަށް އެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ވައި ނުސާފުވެފައިވާ މިންވަރު ނުރައްކާތެރި އަދަދަކަށް މަތިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ކުރިޔަށް އޮތް 10 ދުވަހު ހާލަތު އިތުރަށް ނުރައްކާވާނެ ކަމަށްވެސް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.