މުހައްމަދު އައުޒަމް
އެސްޓްރާޒެނެކާގެ ޗައިނާގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.
ބޭސް އުފައްދާ ކުންފުނިތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ކުންފުނި އެސްޓްރާޒެނެކާގެ ޗައިނާގެ ވެރިޔާ ލިއޮން ވަންގް ހައްޔަރުކޮށްފައިވާ ކަމަށް އެކުންފުނިން ވަނީ ޔަގީން ކޮށްދީފައެވެ.
އެސްޓްރާޒެނެކާ އިން ބޭސް އެތެރެ ކުރުމާއި މައުލޫމާތު އެއްކުރުމުގައި ގަވާއިދާ ހިލާފަށް އަމަލު ކުރާކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަން ވަނީ ތަހުގީގު ހިންގަން ފަށާފައެވެ.
މި މައްސަލައިގައި، އެސްޓްރާޒެނެކާ އިން ވަނީ ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބޭނުންވާ ހުރިހާ ކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ. އަދި އެ ކުންފުނިން ޗައިނާގައި ކުރިޔަށް ގެންދާ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެ ކަމަށާއި ބޭސް ފޯރުކޮށްދިނުމުގައި އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށްވެސް އެސްޓްރާޒެނެކާ އިން ބުނެއެވެ.
އެސްޓްރާޒެނެކާގެ ޗައިނާގެ ވެރިޔާ ލިއޮން ވަންގް އާ ސުވާލު ކުރުމުގެ މަސައްކަތް ޗައިނާގެ ކަމާބެހޭ އިދާރާތަކުން މިދިޔަމަހުން ފެށިގެން ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ދުނިޔެއަށް އެންމެ ފުޅާދާއިރާއެއްގައި ކޮވިޑް ވެކްސިން ފޯރުކޮށްދީފައިވަނީ އެސްޓްރާޒެނެކާ އިންނެވެ. ނަމަވެސް އެ ކުންފުނިން ޗައިނާގައި ހިންގާ އޮޕަރޭޝަންގައި ގަވާއިދާ ހިލާފު ކަންކަން ހުރިކަމަށް ބުނެ އޭރުވެސް ވާހަކަތައް ފެތުރިފައިވެއެވެ.