އެމެރިކާގެ ރިޔާސަތަށް އުމުރުފުޅުން 78 އަހަރުވީ ޑޮނަލްޑް ޓްރަމްޕު މިހަފުތާގައި އެވަނީ އިންތިޚާބު ކުރެވިފައެވެ. ވަރަށް ބޮޑު ތަފާތަކުންނެވެ. އެމެރިކާގެ ރައްޔިތުން ޓްރަމްޕަށް އެދިނީ ބާރުގަދަ ބިޔަ މެންޑޭޓެކެވެ. އިޚުތިޔާރެކެވެ. ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕު އަލުން އިންތިޚާބުވުމުގެ މާނަޔަކީ ކޮބައިހެއްޔެވެ. މާނަތައް ބައިވަރެވެ. ރިކޯޑުތައް ގިނަގުނައެވެ. އޭނާއަކީ މަތިމައްޗަށް ޖިނާއީ ދައުވާތައް އުފުލިފައިވާ ބޭފުޅެކެވެ. ކޯޓުކޭސްތައް މަތިމައްޗަށް ޖަމާވެފައިވަނިކޮށް އެމެރިކާގެ ރިޔާސަތަށް އިންތިޚާބު ކުރެވުނު ފުރަތަމަ ރައީސަކީ އެއީއެވެ. ޓްރަމްޕުގެ މައްޗަށް ޖިނާއީ މައްސަލަތަކުގެ އެތައް ދައުވާއެއް އުފުލިފައިވިޔަސް އަންނަ އަހަރުގެ ޖެނުއަރީ ވިހިވަނަ ދުވަހު ރައީސްކަމުގެ ހުވާކުރައްވައި ރިޔާސަތާ ހަވާލުވެވަޑައިގެން ވައިޓްހައުސްއަށް ވެދެވަޑައިގަންނަވާ ހިސާބުން މިދެންނެވި ގިނަ ދައުވާތައް ބާތިލްވެގެންދާނެއެވެ. ޓްރަމްޕުގެ މައްޗަށް އުފުލިފައިވާ ޖިނާއީ ގިނަ ދައުވާތައް ގުޅިފައިވަނީ އޭނާގެ ރިޔާސަތުގެ ފުރަތަމަ ދައުރާއެވެ.
ޓްރަމްޕާ ދެކޮޅަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާތައް ނުވަތަ ފެޑެރަލް ދައުވާތައް ބާތިލްކޮށް އެޒާތުގެ ފައިލްތައް ލެއްޕުމާމެދު ޓްރަމްޕުގެ ގާނޫނީ ވަކީލުންނާއި އެމެރިކާގެ ކަމާގުޅުންހުރި އިދާރާތަކުގެ މެދުގައި މިހާރުވެސް ވަނީ މަޝްވަރާތައް ފެށިފައެވެ. ތިރީގައި ބަޔާން މިކުރަނީ ޓްރަމްޕާ ދެކޮޅަށް އުފުލިފައިވާ ދައުވާތަކުގެ ތެރެއިން އެންމެ ސީރިއަސް އަދި އެންމެ ބޮޑު ހަތަރު ދައުވާގެ މައްޗަށެވެ. ޓެކްސްއަށް މަކަރު ހެދުމާއި އޮޅުވައިލުމާއި ޚިޔާނާތުގެ ތަފާތު ހަތަރު މައްސަލައެއް ޓްރަމްޕުގެ މައްޗަށް ސާބިތުވާކަމަށް އެމެރިކާގެ ނިއުޔޯކުގެ ކޯޓަކުން މިއަހަރުގެ މެއިމަހުގެ ތެރޭގައި ނިންމާފައިވެއެވެ. އިންސާފަށް ހުރަސްއެޅުމާއި ދޮގުހެކި ދިނުން ލާޒިމުކޮށް ބަރަހަނާ ފިލްމުކުޅޭ ނާސި އަންހެނަކަށް ގަނޑުކޮށް ގިނައަދަދެއްގެ ފައިސާދިންކަންވެސް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވެއެވެ. މިކަންކަން ސާބިތުވިޔަސް ކޯޓުން ނިންމާފައިވަނީ މިމައްސަލައިގެ ހުކުމް ރިޔާސީ އިންތިޚާބަށް ފަސްކުރުމަށެވެ.
ކުރިންއޮތީ މިއަހަރުގެ ސެޕްޓެމްބަރު މަހު ހުކުމްކުރާ ގޮތަށެވެ. މިހާރުއޮތީ މިމަހު ސައްބީސްވަނަ ދުވަހަށް އެކަން ލަސްކޮަށްފައެވެ. ކޮންމެއަކަސް ނޮވެމްބަރު ސައްބީހުގައި އެ ހުކުމެއް ކުރާނެއެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ޓްރަމްޕުގެ މައްޗަށް ޖަލު ހުކުމެއް ނާންނާނެއެވެ. އެއީ އޭނާގެ އުމުރަށް ބަލައިފައެވެ. އަދި ޓްރަމްޕުގެ ކުށުގެ މާޒީއަށްވެސް ބަލައިފައެވެ. ޖަލަށް ހުކުމްކުރިޔަސް ޓްރަމްޕު ހައްޔަރެއް ނުކުރާނެއެވެ. ނުކުރެވޭނެއެވެ. އެމެރިކާގެ ރައީސަކު ޖަލުގައި ގެންގުޅޭނެ ހަމަޔަކާއި އުސޫލެއް ނެތުމުންނެވެ. ދެންެއޮތީ ޖެނުއަރީ ހަވަނަދުވަހުގެ ހާދިސާޔާ ގުޅޭ ކޭހެވެ. މިއީ ދެހާސްވިހިވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕުގެ ނާކާމިޔާބީ އަނެއްއަތަށް އަނބުރާލައި ބަޣާވާތްކުރުމަށް ޖެނުއަރީ ހަޔެއްގައި ވެރިރަށް ވޮޝިންޓަނުގައި ހިންގި ގަޑުބަޑާ ގުޅުންހުރި މައްސަލައެކެވެ. މި މައްސަލަ ކޯޓަށް ވެއްދީ ދައުލަތުގެ ޚާއްސަ ވަކީލު ޖެކް ސުމިތެވެ.
މިއަހަރުގެ ޖޫންމަހު އެމެރިކާގެ ސްޕްރީމް ކޯޓުން ނިންމާފައިވަނީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ޓްރަމްޕު ކުރައްވާފައިވާ ކަންކަމުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ނުކުރެވޭނޭ ކަމުގައެވެ. އެހެން ނިންމާފައިވަނިކޮށް ދައުލަތުގެ ޚާއްސަ ވަކީލު ޖެކް ސުމިތު ވަނީ ވޮޝިންޓަނުގެ ކޯޓަކަށް އަލުން މައްސަލަ ވައްދައިފައެވެ. ބަޣާވާތްކުރަން އުޅުމަކީ ރިޔާސީ ޒިންމާތަކުގެ ތެރެއިން ޒިންމާއެއް ނޫންކަމަށް ބުނެފައެވެ. ކޮންމެއަކަސް މިހާރު މި މައްސަލަ އޭނާ ކުރިއަށް ގެންދާނެ ކަމަށް ނުފެނެއެވެ. ކޭސް އަނބުރާ ނުނަގައި ކުރިއަށް ގެންދާނަމަ ޚާއްސަ ވަކީލު މަގާމުން ވަކިކުރުމަކީ ޓްރަމްޕަށް ކުރެއްވިދާނެ ކަމެކެވެ. އެކަން ކުރައްވާނެ ކަމަށާއި އެކަމަށް ހޭދަވާނީ އެންމެ ދެ ސިކުންތުކަމަށް ޚުދު ޓްރަމްޕުވެސް ވަނީ ވިދާޅުވެފައެވެ. ދެންއޮތީ ތިންވަނަ ދައުވާއެވެ. ދައުލަތުގެ ވަރަށް ސިއްރު މައުލޫމާތު ހިމެނޭ ލިޔުންތަކެއް އަމިއްލަ ކުރައްވައިގެން ރިޔާސީ ދައުރު ނިމުމަށްފަހުވެސް އަމިއްލަ ގޭގައި ގެންގުޅުއްވިކަމުގެ ދައުވާއެވެ.
މި ދައުވާ ނުވަތަ ކޭސްވެސް ކުރިއަށް ގެންދަވަނީ ދައުލަތުގެ ޚާއްސަ ވަކީލު ޖެކް ސްމިތެވެ. މި ދައުވާއަކީ ވެރިކަމުން ފައިބާވަޑައިގެން ވައިޓްހައުސްގެ ތެރެއިން ދައުލަތުގެ ސިއްރު ފައިލްތައް ނަންގަވައިގެން އެ ފައިލްތައް ފްލޮރިޑާގައި ހުންނަ ޓްރަމްޕުގެ އަމިއްލަފުޅު ގެއެއްގައި ބެހެއްޓެވުމާއި އެފައިލްތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހަވާލުކުރައްވަން ޓްރަމްޕު ދެކޮޅުހެއްދެވި ކަމަށް ބުނާ ދައުވާއެކެވެ. މިއަހަރުގެ ޖުލައިމަހު ކޯޓުން ވަނީ މިމައްސަލަ ބޭރުކޮށްލައިފައެވެ. އެމެެރިކާގެ ޖަސްޓިސް މިނިސްޓްރީން ޖެކް ސްމިތު މިކަމަށް އައްޔަންކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ނިންމައިފައެވެ. މިގޮތަށް ނިންމެވި ފަނޑިޔާރަކީ ޓްރަމްޕުގެ ދައުރުގައި އޭނާ އައްޔަން ކުރެެއްވި ފަނޑިޔާރެކެވެ. ފަނޑިޔާރުގެ މި ނިންމެވުން އިސްތިއުނާފުކުރަން ޖެކް ސްމިތު ވަނީ ގަސްތުކޮށްފައެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުތްގޮތުން ދެން އެކަން ކުރާކަށް އޭނާއަށް ފުރުސަތެެއް ނެތެވެ. ކުރަން ދިމާކޮށްފިއްޔާ މަގާމުގައި ހުރުމުގެ ފުރުސަތެެއްވެސް ނެތެވެ.
އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ޖޯޖިޔާގައި ޓްރަމްޕާ ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލާފައިވެއެވެ. އެއީވެސް ދެހާސްވިހިވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅުންހުރި ދައުވާއެކެވެ. އެ ސްޓޭޓްގެ ނަތީޖާ ނުވަތަ ވޯޓު އޮޅުވައިލުމަށް ޓްރަމްޕު މަސައްކަތްކުރެއްވި ކަމަށް ބުނާ ދައުވާއެކެވެ. މި ދައުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ކުރިންވެސް ދަތިތަކެއް އޮތީ ކުރިމަތިވެފައެވެ. މައްސަލައިގައި ހިމެނޭ ގާނޫނީ އެކި ފަރާތްތަކުގެ ނަޒާހަތްތެރިކަމާމެދު އުފެދިފައިވާ މައްސަލަތަކެއްގެ ސަބަބުންނެވެ. އެމެރިކާގެ ރިޔާސަތަށް ޑޮނަލްޑް ޓްރަމްޕު އަލުން ވަޑައިގެންނެވުމާ ގުޅިގެން ދެން މި ދައުވާ ކުރިއަށް ގެންދިއުމަކީ ނުކުރެވޭނޭ ކަމެކެވެ. ވައިޓްހައުސްގައި ޓްރަމްޕު ހުންނަވާހާ ދުވަހަކު މި ދައުވާ ޖެހޭނީ ފައިލްކޮށްފައި ބާއްވާށެވެ. ސަރިޔަތް ކުރިއަކަށް ނުގެންދެވޭނެއެވެ. ޓްރަމްޕުގެ ގާނޫނީ ވަކީލު ސްޓީވް ސާޑޯ ވިދާޅުވެފައިވަނީ ޖޯޖިޔާގެ ކޯޓަށް ރައީސް ޓްރަމްޕު ގެންގޮސް ނިކަމެތިކުރަން ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމަށެވެ.