އެމެރިކާގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފިއެވެ.
މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ މައްޗަށް ކުރި ހޯއްދަވައި ޓްރަމްޕް ވަނީ 267 އިލެކްޓޮރަލް ކޮލެޖް ވޯޓު ކަށަވަރު ކުރައްވައިފައެވެ. ރައީސްކަން ލިބޭނީ 270 އިލެކްޓޮރަލް ވޯޓު ލިބިގެންނެވެ.
ކަމަލާ އަށް ލިބިވަޑައިގެންފައި ވަނީ 219 ވޯޓެވެ. އެހެންވެ އޭނާ ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވަން ހަމަޖެއްސި އެއްވުން ވެސް ކެންސަލް ކުރައްވައިފައެވެ.
އިންތިހާބު ކާމިޔާބީ އިއުލާނުކުރައްވައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ މިއީ ސިޔާސީ ބޮޑު ކާމިޔާބީއެއް ކަމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ ހައްގުތައް ރައްކާތެރި ކުރުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެމެރިކާ ދުވަހަކު ނުދެކޭ ސިޔާސީ ކާމިޔާބީއެއް، އަމާން ރައްކާތެރި ތަނަކަށް ހަދައިދިނުމަށް އަޅުގަނޑު މިކުރާ މަސައްކަތް ކާމިޔާބު ވަންދެން އެންމެ ހިނދުކޮޅަކު ވެސް ހުއްޓާލައިގެން ނުހުންނާނަން،" ޓްރަމްޕް ސަޕޯޓަރުންނަށް ވިދާޅުވިއެވެ.
އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކުރީގައި ޓްރަމްޕު އުޅުއްވާ އިރު، އަދި ބާކީ ހަތަރު ފަސް ސްޓޭޓެއް އެބައޮތެވެ. އެތަނުން އެންމެ ސްޓޭޓެއް ލިބިވަޑައިގަތަސް މި އިންތިހާބު ޓްރަމްޕަށް ކަށަވަރުވާނެ އެވެ.
ޓްރަމްޕަށް ހަމައެކަނި ލިބިވަޑައިގަތީ އިލެކްޓޮރަލް ކޮލެޖް ވޯޓެއް ނޫނެވެ. ޕޮޕިއުލާ ވޯޓު ނުވަތަ ރައްޔިތުންގެ ސީދާ ވޯޓުވެސް އެންމެ ގިނައިން ހޯއްދެވީ ޓްރަމްޕެވެ. މިހާރުވެސް ކަމަލާ ހެރިސްއަށްވުރެ ފަސް މިލިޔަނެއްހައި ވޯޓު އިތުރަށް ހޯއްދަވައިފައިވެއެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ޓްރަމްޕަށް ވަނީ 69,943,299 ވޯޓް ލިބިވަޑައިގެންފައެވެ. އެއީ 51.1 ޕަސެންޓެވެ. އަދި ކަމަލާއަށް 64,672,553 ވޯޓު ލިބިވަޑައިގެންފައިވާ އިރު، އެއީ 47.3 ޕަސެންޓެވެ.