ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވާން ބަންގްލަދޭޝް ގައުމީ ޓީމުން ކޭމްޕް ކޮށްފިއެވެ.
ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ގައުމީ ސީނިއާ ޓީމުން ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި މި މަހު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ 13 އަދި 16 ވަނަ ދުވަހުއެވެ. އެ ދެ މެޗުވެސް ކުޅެން ހަމަޖައްސާފައިވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގައެވެ.
ރާއްޖޭގައި މި ވަގުތު ލީގު ފުޓުބޯޅަވެސް އޮތީ މަޑުޖެހިފައެވެ. މިދިޔަ ސީޒަނަށްފަހު އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މިހާރު ވަނީ މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ދައުވާތައް އުފުލައިފައެވެ. އޭގެ އިތުރުން ފީފާއިން ވަނީ ބައްސާމް ފުޓްބޯޅައިން ސަސްޕެންޑްވެސް ކޮށްފައެވެ.
އެ މައްސަލަގަނޑުގެ ސަބަބުން ރާއްޖޭގެ ފުރަތަމަ ޑިވިޝަން ހުއްޓި، އެފްއޭއެމް ހިންގަމުންދަނީ ފީފާއިން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމެޓީ އަކުންނެވެ.
ރާއްޖެއިންވެސް މެޗަށް ތަމްރީނުތައް ފަށައިގެން ކުރިއަށްދާ އިރު، އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިން މިހާރު ވަނީ ގައުމީ ޓީމުގެ ޕްރެކްޓިސްއަށް ނުކުމެފައެވެ.
ހާވިއޭ ކަބްރޭރާގެ އިރުޝާދުގެ ދަށުން ރާއްޖެއާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުން އަންނަ ބަންގްލަދޭޝްގެ ޓީމުގެ 16 ކުޅުންތެރިންނާއެކު އެޓީމުން ފުރަތަމަ ސިޓީ ހޮޓަލްގައި ކޭމްޕް ކުރީ ހުކުރު ދުވަހުއެވެ. އޭރު އަދި ގައުމީ ޓީމުގެ 11 ކުޅުންތެރިޔަކު ބަޝުންދަރަ ކިންގްސްއާއެކު އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރުމަށް ބޫޓާނުގައި ތިއްބެވެ. އެހެން ނަމަވެސް، ބަޝުންދަރާއަށް ނިސްބަތްވާ ކުޅުންތެރިންވެސް އިއްޔެ ވަނީ ސްކޮޑާ ގުޅިފައެވެ.
ބެލެވޭ ގޮތުގައި ރާއްޖެ މެޗުގެ ކުރިން ބަންގްލަދޭޝްއިން ދެން މަޑުކުރާނީ ކޭމްޕްގައެވެ.
މިފަހަރުގެ ސްކޮޑުގައި ކެޕްޓަން ޖަމާލް ބުޔާން ހިމަނާފައެއް ނުވެއެވެ. އޭނާ މިވަގުތު ކުޅެމުން އަންނަނީ ބަންގްލަދޭޝް ލީގުގައެއް ނޫނެވެ. އޭނާ މިވަގުތު ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އެއީ މިދިޔަ ސީޒަނަށްފަހު ޑާކާ އަބަހާނީއާއެކު ވެފައިވާ އެއްބަސްވުން އުވާލުމުންނެވެ. އެއަށްފަހު ޑެންމާކު ކްލަބަކަށް ބަދަލުވާން އޭނާ މަސައްކަތް ކުރި ނަމަވެސް، އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް، މިހާރުވެސް ޑެންމާކު ދެވަނަ ޑިވިޝަނުގެ ކްލަބަކާއެކު އޭނާ ތަމްރީނުތައް ހަދަމުންދާ ކަމަށް ނޫސްތައް ބުނެއެވެ.
މިފަހަރު ރާއްޖެއާ ދެކޮޅަށް ނުކުންނަ މެޗުގައި ހަމްޒާ ޗޯދުރީވެސް ނުކުޅޭނެ ކަމަށް ކަބްރޭރާ ވަނީ ބުނެފައެވެ. ދާދިފަހުން ބަންގްލަދޭޝްގެ ރައްޔިތުކަން ހޯދި، އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ލެސްޓާ ސިޓީއަށް ކުޅެމުންދާ ހަމްޒާ، ބަންގްލަދޭޝް ޖާޒީގައި ނުކުންނާނީ ކޮލިފިކޭޝަން މެޗުތަކަށް ކަމަށްވެސް ކަބްރޭރާ ބުންޏެވެ.