ނިމިގެންދިޔަ 2024 ވަނަ އަހަރަކީ އިންތިޚާބުތަކުގެ އަހަރެކެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު ވަނީ ބޭއްވިފައެވެ. ފަހަކަށް އައިސް އެއް އަހަރެއްގެ ތެރޭގައި އިންތިޚާބުތައް ނުބޭއްވާހާ ގިނައިން ދުނިޔޭގެ މުހިންމު ގައުމުތަކުގައި 2024 ވަނަ އަހަރު އިންތިޚާބު ބޭއްވިފައިވެއެވެ. އެހެންވެ އެއީ އިންތިޚާބުގެ އަހަރުގެ ގޮތުގައި ސިފަކުރެވެނީއެވެ. ތިރީގައި މިބަލައިލަނީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު މުހިންމު އިންތިޚާބުތަކަށެވެ. ލިސްޓު ފަށައިގަންނާނީ ދިވެހިރާއްޖެއާ އެންމެ ކައިރިންނެވެ. ސާކުގެ ގައުމުތަކުންނެވެ. ސާކުގެ ހަތް ގައުމުގެ ތެރެއިން ނޭޕާލް ފިޔަވައި އަނެއް ހަ ގައުމުގައި 2024 ވަނަ އަހަރުގެ ތެރޭގައި އިންތިޚާބު ބާއްވާފައިވެއެވެ. ސްރީލަންކާގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބެވެ. އެހެން ގައުމުތަކުގައި ހަމައެކަނި އާއްމު އިންތިޚާބެވެ. އެހެންވީމާ އިންތިޚާބުތަކުގެ ލިސްޓު މި ފަށައިގަންނަނީ ސާކުންނެވެ.
ދިވެހިރާއްޖޭގައި ޕާލަމެންޓަރީ އިލެކްޝަން ނުވަތަ އާއްމު އިންތިޚާބު ބޭއްވުނީ 21 އެޕްރީލް 2024 ގައެވެ. މި އިންތިޚާބުގައި މަޖިލީހުގެ ޖުމްލަ 93 ގޮނޑީގެ ތެރެއިން ރައީސް ޑރ. މުއިއްޒުގެ ޕީއެންސީ ވަނީ 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައިފައެވެ. ސްރީލަންކާގައި އެންމެ ފުރަތަމަ ބޭއްވުނީ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބު ބޭއްވުނީ 21 ސެޕްޓެމްބަރު 2024 ގައެވެ. ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރައްވައި ރިޔާސަތަށް ވަޑައިގެންނެވީ ޖޭވީޕީގެ އަނޫރާ ކުމާރަ ޑިސަނާޔަކައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ސަޖިތު ޕްރެމަދާސައެވެ. އެހައިތަނަށް ރައީސްކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހާއަށް ޖުމްލަ 17 ޕަސަންޓާއެކު ހޯއްދެވުނީ ތިންވަނައެވެ. ރައީސްކަމަށް އަނޫރާ އިންތިޚާބު ވުމާއެކު އޭނާ ވަނީ 24 ސެޕްޓެމްބަރުގައި ޕާލަމެންޓް އުވާލައްވައިފައެވެ. އައު ޕާލަމެންޓް ހޮވުމަށް ދެން އާއްމު އިންތިޚާބު ބޭއްވުނީ 14 ނޮވެމްބަރުގައެވެ. ޕާލަމެންޓްގެ 225 ގޮނޑީގެ ތެރެއިން 159 ގޮނޑިއާއެކު ސުޕަރ މެޖޯރިޓީ ހޯދީ ރައީސް އަނޫރާގެ އެންޕީޕީ ކޯލިޝަނުންނެވެ.
ބަންގްލަދޭޝްގައި އާއްމު އިންތިޚާބު ބޭއްވުނީ 7 ޖެނުއަރީ 2024 ގައެވެ. އިދިކޮޅު އެންމެހައި ޕާޓީތަކުން ވަނީ މި އިންތިޚާބު ބޮއިކޮޓް ކޮށްފައެވެ. ވާދަވެރިކަމެއް ނެތި ޕާލަމެންޓްގެ 300 ގޮނޑީގެ ތެރެއިން 224 ގޮނޑި ކާމިޔާބުކުރީ ބޮޑުވަޒީރު ޝޭޚު ހަސީނާގެ އަވާމީ ލީގުންނެވެ. މިނިވަން ކެންޑިޑޭޓުންގެ މޫނުމަތި އަޅައިގެން ތިބެ އަވާމީ ލީގުގެ މެންބަރުން ވަނީ އިތުރު 62 ގޮނޑިވެސް ހޯދައިފައެވެ. ވިދިވިދިގެން ހަތަރުވަނަ ދައުރަކަށް ހަސީނާ ހޮވުނަސް ބަންގްލަދޭޝްގެ ކިޔަވާކުދިން އިސްވެ ތިބެގެން ފެށި މުޒާހަރާތައް ވަރުގަދަވެ ހަސީނާގެ ސަރުކާރަށް ހިފަހައްޓައި ނުލެވިގެން ސިފައިންގެ މަޖްބޫރު ކުރުންތަކާއެކު ހަސީނާ ވަނީ 5 އޮގަސްޓުގައި ވެރިކަމުން އިސްތިއުފާ ދެއްވައި އިންޑިޔާއަށް ވަޑައިގެންފައެވެ. ހަސީނާގެ ވެރިކަން ނިމުނުތާ ތިން ދުވަސް ފަހުން ވަގުތީ ސަރުކާރެއް އެކުލަވައިލައި އެ ސަރުކާރުގެ ވެރިޔާގެ ގޮތުގައި މަޝްހޫރު ބޭންކަރ ޑރ. މުހައްމަދު ޔޫނުސް ވަނީ ވެރިކަމުގެ ހުވައި ކުރައްވާފައެވެ.
ޕާކިސްތާނުގައި އާއްމު އިންތިޚާބާއެކު ޕްރޮވިންސްތަކުގެ ސަރަހައްދީ އިންތިޚާބުވެސް 8 ފެބްރުއަރީގައި ވަނީ ބޭއްވިފައެވެ. މި އިންތިޚާބުގެ ނަތީޖާ ގަޑުބަޑުކޮށް ނަވާޒް ޝަރީފުގެ މުސްލިމް ލީގާއި ބިލަވާލް ބުއްޓޫގެ ޕީޕަލްސް ޕާޓީއަށް ބޮޑު އަޣުލަބިއްޔަތެއް ދޭން ސިފައިން ފޫގަޅައިގެން ތިއްބަސް އެކަމެއް ނުކުރެވުނެވެ. އެކަމަކު އެހެން މިހެން ހަދައިގެން ޖުމްލަ 201 ގޮނޑި ހަމަކޮށްގެން ސިފައިންގެ ތާއީދާއެކު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒު ޝަރީފެވެ. އިންޑިޔާގައި އާއްމު އިންތިޚާބު ބޭއްވުނީ އެޕްރީލް 19 ވަނަ ދުވަހުން ފެށިގެން 1 ޖޫންއާ ހަމައަށެވެ. މަރުކަޒީ ޕާލަމެންޓުގެ 543 ގޮނޑީގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށް ނެގުނީ 240 ގޮނޑިއެވެ. ޕާލަމަންޓުގެ އަޣުލަބިއްޔަތު ބީޖޭޕީއަށް ގެއްލުނަސް ކޯލިޝަނެއް ހައްދަވައި އެހެން ދެތިން ޕާޓީއެއްގެ ތާއީދާއެކު ވިދިވިދިގެން ތިންވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެެއްވީ އަނެއްކާވެސް ނަރެންދުރަ މޯދީއެވެ.
ރަޝިޔާގައި ރިޔާސީ އިންތިޚާބު ބޭއްވުނީ މާރޗް ފަނަރައިން ސަތާރައަށެވެ. މި އިންތިޚާބު 88 އިންސައްތަ ވޯޓާއެކު ކާމިޔާބު ކުރެެއްވީ ރައީސް ލަޑީމިއަރ ޕުޓިންއެވެ. މިއީ އެހާތަނަށް ރިޔާސީ އިންތިޚާބެއްގައި ކެންޑިޑޭޓަކަށް ނެރެވުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މިއީ ޕުޓިން ރިޔާސަތަށް ވަޑައިގެންނެވި ފަސްވަނަ ދައުރެވެ. އެމެރިކާގައި ރިޔާސީ އިންތިޚާބު ބޭއްވުނީ 4 ނޮވެމްބަރުގައެވެ. މި އިންތިޚާބުގައި ރައީސް ޖޯ ބައިޑެން ވާދައެއް ނުކުރައްވައެވެ. އޭނާގެ ސިއްހީ ހާލަތު ދެރަކަމުން ކުރިމަތިވި ޕްރެޝަރާހެދި ރިޔާސީ ރޭހުން ވަކިވެވަޑައިގެން ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ނާއިބުރައީސް ކަމަލާ ހެރިސްއަށް ދޫކޮށްލެއްވީއެވެ. ކޮންމެއަކަސް މި އިންތިޚާބުގައި ކަމަލާ ހެރިސްގެ މައްޗަށް ބޮޑުތަނުން ކުރިހޯއްދެވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެކަމަކު އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހުއެވެ. ޓްރަމްޕަކީ މެދުކެނޑުމަކަށްފަހު ދެވަނަ ދައުރެެއް ކާމިޔާބު ކުރެެއްވި އެމެރިކާގެ ދެވަނަ ރައީސެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން އިނގިރޭސިވިލާތާއި ފްރާންސްގައިވެސް 2024 ވަނަ އަހަރު އާއްމު އިންތިޚާބު ވަނީ ބާއްވައިފައެވެ. އިނގިރޭސިވިލާތުގައި އިންތިޚާބު ބޭއްވީ ޖުލައި ހަތަރެއްގައެވެ. ޕާލަމެންޓުގެ ޖުމްލަ 650 ގޮނޑީގެ ތެރެއިން 411 ގޮނޑި ކާމިޔާބުކޮށް ވެރިކަމަށް އައީ ކިއަރ ސްޓާމަރގެ ލޭބަރ ޕާޓީއެވެ. މިއީ ގާތްގަޑަކަށް ވިހި އަހަރުގެ ތެރޭގައި ލޭބަރ ޕާޓީއަށް އާއްމު އިންތިޚާބެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ކޮންޒަރވެޓިވް ޕާޓީއަށް މި މުއްދަތުގައި ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. ފްރާންސްގައި އާއްމު އިންތިޚާބު ބޭއްވުނީ ޖޫން ތިރީހާއި ޖުލައި ހަތެއްގައެވެ. މިއީ ޕާލަމެންޓުގެ ދައުރު ހަމަވެގެން ބޭއްވި އިންތިޚާބެއް ނޫނެވެ. މިއީ ޖޫންމަހުގެ ކުރީކޮޅު ޔޫރަޕުގެ އިއްތިހާދުގެ ގުޅިފައިވާ ޕާލަމެންޓަށް މެންބަރުން ހޮވުމަށް ފްރާންސްގައި ނެގުނު ވޯޓުގައި ކަންތަައް ހިނގި ގޮތުން ރައީސް މެކްރޯން ޕާލަމެންޓް އުވާލައްވައި އަލުން މެންބަރުން ހޮވުމަށް އިންތިޚާބެއް ބޭއްވެވީއެވެ. މިހެން ހެއްދެވުމުންވެސް ރައީސް މެކްރޯނަށް ބޮޅެކެވެ. ޕާލަމެންޓްގެ ކޮންޓްރޯލް ނެގީ އިދިކޮޅު ޕާޓީތަކުންނެވެ.