މުހައްމަދު އައުޒަމް
ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އެގައުމާ ހަވާލުކުރުމަށް، އަވަށްޓެރި އިންޑިއާގައި އެދިއްޖެއެވެ. ޝެއިޚް ހަސީނާ މި ވަގުތު ހުންނެވީ އިންޑިއާގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައެވެ.
ބަންގްލަދޭޝްގެ އެކްޓިން ފޮރިން މިނިސްޓަރު ވިދާޅުވީ ހަސީނާ ގައުމަށް ގެންދިއުމުގެ ބޭނުމަކީ ކުރައްވައިފައިވާ ކުށްތަކަށް ހައްގު އަދަބު ދިނުމަށް އެގައުމުގެ ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރުން ކަމަށެވެ.
ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވިފައިވާއިރު އޭގެ ތެރޭގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގުމާއި ގަތުލުއާންމުގެ އިތުރުން މީހުން މެރުން ފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. ޝެއިހް ހަސީނާ ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
ބަންގްލަދޭޝްއިން އެދިފައިވާ އެދުމަށް އިންޑިއާއިން އަދި އެއްވެސް ޖަވާބެއް ދީފައިނުވާއިރު އެކަމުގައި އިންޑިއާއިން އަމަލު ކުރާނެ ގޮތަކާމެދު ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.