ދުނިޔެ

ޑިއެގޯ ގާސިއާގައި ތިބި ލަންކާ މީހުން އިނގިރޭސިވިލާތަށް ގެންދަނީ

މުހައްމަދު އައުޒަމް

ޑިއެގޯ ގާސިއާގައި ތިބި ލަންކާ މީހުން އިނގިރޭސިވިލާތަށް ގެންދަން އެ ގައުމުން ނިންމައިފިއެވެ. ޑިއެގޯ ގާސިއާގައި ތާށިވެފައި ތިބި ލަންކާގެ ހިޖުރަވެރީން އެތަނުގައި ތިބޭތާ ތިން އަހަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ތަމަޅަ މީހުން ހިމެނޭހެން 60 މީހުން ޑިއެގޯ ގާސިއާގައި ތިބި އިރު އެމީހުން މިހާތަނަށް ދިރިއުޅެމުން ގެންގޮސްފައިވަނީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ މިލިޓަރީ ކޭމްޕެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތުން މީގެ ކުރީން ވަނީ ޑިއެގޯ ގާސިއާގައި ތިބި ލަންކާގެ 60 މީހުން އެ ގައުމަށް ގެންދިއުމަށް ދެކޮޅުހަދާފައެވެ. ގާނޫނީ ގޮތުން އެކަމުގައި ކުރެވޭނެ ކަންކަމާ ގުޅޭ ގިނަ މަސައްކަތްތަކެއް އިނގިރޭސި ސަރުކާރުން ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އިނގިރޭސި ސަރުކާރުން ހޯމަ ދުވަހު ބުނީ ލަންކާ މީހުން ގެންދަން ނިންމީ ބައެއް ޕޮލިސީތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.

ޑިއެގޯ ގާސިއާގައި ތިބި 60 މީހުންގެ ތެރެއިން އިނގެރޭސި ވިލާތުން އެ ގައުމަށް ގެންދާން ނިންމާފައި ވަނީ، ކުށުގެ ރެކޯޑެެއް ނެތް މީހުން އެކަންޏެވެ.