މުހައްމަދު އައުޒަމް
ނިއުޔޯކް އިން ލަންޑަން އަށް 90 މިނިޓުން ދަތުރުކުރެވޭ ޖެޓެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމެރިކާގެ އެއިރޯސްޕޭސް ކުންފުންޏަކުން އުފައްދަން ނިންމާފައިވާ މި ޖެޓުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނުވާނެކަމަށް ވަނީ ބެލެވިފައެވެ.
އަޑަށްވުރެން ފަސްގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބޭ މި ޖެޓް ނިއުޔޯކާއި ލަންޑަނާ ދެމެދު ކުރާދަތުރުގެ އެންމެ ދިގުމިނަކީ 90 މިނެޓުކަމުގައި ވާނެކަމަށް އެކުންފުނިން ބުނެއެވެ. ސުޕަސޮނިކް ޖެޓު އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ އިންވެސްޓުކޮށްދޭނެ ފަރާތެއްވެސް ލިބިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެއިރޯސްޕޭސް ކުންފުނިން ވަނީ މިޖެޓު ގަޑިއަކު 4600 މޭލަށް ދަތުރުކުރާނެކަމަށް ބުނެފައެވެ. މިއީ ދިގުދަތުރުތައް ކުރާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވާނެ ކަމެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިހާރު ލަންޑަން އިން ނިއުޔޯކަށް ވައިގެމަގުން އެންމެ އަވަހަށްވެސް ދެވެނީ 7 ގަޑިއިރުތެރޭގައެވެ.