ތޫފާން ކޮންގްރޭ ގައި ޓައިވާނުން ދެމީހަކު މަރުވެއްޖެއެވެ.
ވޭތުވެދިޔަ 10 އަހަރުތެރޭ ޓައިވާނަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމުގައި ރެކޯޑުކުރެވިފައިވާ ކޮންގްރޭ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެގައުމަށް ވަނީ ވެފައެވެ.
ޓައިވާނުގެ އިރުމަތީ ސަރަހައްދުތަކަށް މިދިޔަ ބުރާސްފަތި ދުވަހު އެ ތޫފާން އެރިއިރު ވައި ޖެހެމުން ދިޔައީ ގަޑިއަކު 184 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ގަދަވަޔާއެކު ގަސްތައް ވެރި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. މީގެ އިތުރުން އެގައުމުގެ ބައެއް ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއްވެސް ހިނގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ތޫފާން ކޮންގަރޭ އެރުމުގެ ސަބަބުން ހިނގި ހާދިސާ ތަކުގައި ދެ މީހުން މަރުވެފައިވާއިރު 500 އަށްވުރެން ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ރެސްކިއު އޮފިޝަލުން ވަނީ މިހާތަނަށް ހަތަރު މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާކަމަށާއި އެމީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ބުނެފައެވެ.
ތޫފާނުގެ ސަބަބުން އެގައުމުގެ އެކި ސަރަހައްދުތަކުން 78،500 އަށްވުރެން ގިނަ ގޭގޭއަށް އަސާސީ ހިދުމަތްތައް ލިބުން ދަތިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.