އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާ މިސައިލްތައް ހުއްޓުވުމަށް އެ ގައުމުން ލޭޒާ ބޭނުންކުރަން ފަށަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިސްރާއީލުން އުފައްދާފައިވާ އަޔަން ބީމް ލޭޒާ ޑިފެންސް ސިސްޓަމް ބޭނުންކުރުމަށް ޓެސްޓުތައް ކުރަން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭ އެ ނިޒާމު ގާއިމުކޮށް ބޭނުންކުރަން ފެށޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އަޔަން ބީމް ލޭޒާ ޑިފެންސް ސިސްޓަމް އުފެއްދުމަށް 500 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ ހަރަދުކޮށްފައެވެ. އެ ސިސްޓަމް އުފެއްދީ އިސްރާއީލުން މިހާރުވެސް ބޭނުން ކުރާ އަޔަން ޑޯމް އާއި އެޑްވާންސް ޑިފެންސް ސިސްޓަމްތައް އުފެއްދުމުގައި ހަރަކާތްތެރިވި ޓީމުތަކުންނެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުން، ލޭޒާ ނިޒާމުގެ އެހީގައި މިސައިލުތައް ވައިގެ ތެރޭގައި ގޮއްވާލުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.