އިސްލާމިކް މިނިސްޓްރީ

ހައްޖަށް މީހުން ގެންދަން ހުއްދަ ދިނީ އުސޫލުން ބޭރުން ކަމަށްބުނެ ސިސިލްފަރުން އޭސީސީއަށް

މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފައިވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު ޖަމާއަތުން އެމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދިން މައްސަލަ ސިސިލްފަރުން އޭސީސީއަށް ހުށަހަޅާފައިވާއިރު މިމަހުގެ 13 ވަނަ ދުވަހު އެމައްސަލަ ވަނީ ސިވިލް ކޯޓަށްވެސް ހުށަހަޅައިފައެވެ. ސިސިލްފަރު ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިގޮތުގައި ހައްޖަށް ގެންދިއުމަށް މިއަހަރު ހުއްދަ ދޫކޮށްފައިވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން، ފަސް ޖަމާއަތަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް އާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް އާއި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

ސިސިލްފަރު ގްރޫޕުން އެމިނިސްޓްރީއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ މެދު ނުކެނޑި 35 އަހަރު ވަންދެން ދިވެހިން ހައްޖާއި އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކޮށްފައި ވަނިކޮށް، މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިން ގްރޫޕުތަކަުގެ ތެރޭގައި ސިސިލްފަރު ގްރޫޕު ހިމެނިފައި ނުވާތީއެވެ.