މުހައްމަދު އައުޒަމް
ޖަޕާނުން ފުކުޝިމާ ސަރަހައްދުގައި ބަންދުކުރި ނިއުކްލިއާ ރިއެކްޓަރު އަލުން ޖައްސައިފިއެވެ.
ޖަޕާނުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި 2011 ވަނަ އަހަރު ފުކުޝިމާ ސަރަހައްދަށް އައި ބިންހެލުމާއި ސުނާމީގެ ސަބަބުން ބަންދުކޮށްފައިވާ ނިއުކްލިއާ ރިއެކްޓަރުތަކުގެ ތެރެއިން އެ ގައުމުގެ އޮނާގާވާ ޕްލާންޓު އަލުން ޖައްސާފައިވަނީ އިއްޔެ އެވެ.
ނިއުކްލިއާ ރިއެކްޓަރު އަލުން ޖެއްސި ނަމަވެސް އެއިން ކަރަންޓު އުފައްދަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ އެރިއެކްޓަރު ޖައްސާފައިވަނީ އަމަލުކުރަން ޖެހޭ ހުރިހާ ސަލާމަތީ ކަންކަން ބަލައި ޓެސްޓުތައް ހެދުމަށްފަހު ކަމަށް ބުނެފައެވެ.
އޮނަގަވާގައި ހުންނަ ތިން ރިއެކްޓަރުގެ ތެރެއިން އެއް ރިއެކްޓަރު ޖައްސާފައިވާއިރު ބާކީ ހުރި ރިއެކްޓަރުތައް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. 2011 ވަނަ އަހަރު އައި ބިންހެލުމާއި ސުނާމީގައި ޖަޕާނުގެ ފުކުޝީމާގެ ނިއުކްލިއާ ރިއެކްޓަރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.