މަޝްހޫރު ޓައިޓޭނިކްގެ ދެވަނަ ބޯޓު ބަންނަން ފަށައިފިއެވެ.
އޮސްޓްރޭލިއާގެ ބްލޫ ސްޓަރ ލައިން އިން ޗައިނާގައި ބަންނަން ފަށާފައިވާ މިބޯޓުގެ މަސައްކަތް އެތައް އަހަރެއް ވަނީ ލަސްވެފަ އެވެ. 2012 އިން ފެށިގެން މި ބޯޓުމާ ގުޅޭ މަސައްކަތްތައް ވަނީ ފަށާފައެވެ. މި ބޯޓު ބަނުމަށް 500 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ބެލެވޭއިރު ޓައިޓޭނިކް އާ އެއްވަރަށް ދަތުރުވެރިންނާއި ފަޅުވެރިން ދަތުރުކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ޓައިޓޭނިކްގެ ފުރަތަމަ ބޯޓާއި ހިލާފަށް މިބޯޓުގައި ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ އާލާތްތައް ހުންނާނެ އެވެ. ނެވިގޭޝަން އަށް ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާނެ އެވެ.
މި ބޯޓުގެ ކެބިން ވެސް ހުންނާނީ ކުރީގެ ބޯޓާ އެގޮތަކަށެވެ. އަދި ވީހާ ވެސް އޭރުގެ ބޯޓުގެ އިހްސާސް ކުރެވޭނެ ގޮތް ހަދާނެކަމަށް ބްލޫ ސްޓަރ ލައިން އިން މައުލޫމާތު ދެއެވެ.
ޓައިޓޭނިކް ދޭއްގެ ފުރަތަމަ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރޫޓަކީ އެންމެ ފުރަތަމަ ޓައިޓޭނިކް ގެވެސް ފުރަތަމަ ރޫޓު ކަމަށް ބްްލޫ ސްޓަރ އިން މައުލޫމާތު ދެއެވެ. ނިއުޔޯރކް އިން ފެށިގެން ދަތުރު ފަށަން ހަމަޖެހިފައިވާ މި ބޯޓު ދުނިޔެ ވަށައި ދަތުރުކުރާނެ ކަމަށާއި މިދަތުރުގައި ބައެެއް ގައުމުތަކަށް މަޑުކޮށް ދަތުރުގައި ބައިވެރިވާން ބޭނުންވާ އިތުރު މީހުންނަށް ފުރުސަތު ހުޅުވާލާނެކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ބްލޫ ސްޓަރ އިން މައުލޫމާތު ދޭގޮތުގައި ޓައިޓޭނިކް ދޭއްގެ ދަތުރުތައް 2022 ގެ މެދުތެރޭ ފެށޭނެއެވެ.