ދުނިޔެ

ބޮލީވިއާގެ ކުރީގެ ރައީސަށް ބަޑިން ހަމަލާ ދީފި

މުހައްމަދު އައުޒަމް

ބޮލީވިއާގެ ކުރީގެ ރައީސް އެވޯ މޯރަލެސްއަށް ބަޑިން ހަމަލާ ދީފިއެވެ.

ބޮލީވިއާގެ ކުރީގެ ރައީސް މޯރަލެސް ވިދާޅުވެފައިވާ ގޮތުގައި، އިއްޔެ އޭނާ ދަތުރުކުރެއްވި ކާރަށް ބަޔަކު ވަނީ ބަޑިން ހަމަލާދީފައެވެ.

ކުރީގެ ރައީސް މޯރަލެސްއަށް ދިން ހަމަލާއަކީ އެ ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި، ސިޔާސީ ޕާޓީތަކުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ދިން ހަމަލާއެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ރައީސް މޯރަލެސް ވިދާޅުވީ ހަމަލާ ދިން ވަގުތު ބަޔަކު އޭނާ ދަތުރުކުރެއްްވި ކާރު ކުރިމައްޗަށް އަރައި، ބަޑިޖަހަން ފެށި ކަމަށާއި ވަޒަން ދިޔައީ ބޮލުގައި ނުޖެހި އިންޗިއެއްހާ ކައިރިން ކަމަށެވެ.

ހަމަލާދިނީ އެގައުމުގެ ސިފައިން ކަމެއް ނުވަތަ އާންމުންގެ ތެރެއިން މީހެއް ކަމެއް ސާފު ނުވާ ކަމަށް ރައީސް މޯރަލެސް ވަނީ ވިދާޅުވެފައެވެ.

ބޮލީވިއާގެ ޑެޕިއުޓީ ސެކިއުރިޓީ މިނިސްޓަރު ރޮބާޓޯ ރިއޮސް ވިދާޅުވީ ރައީސް މޯރަލެސްއަށް ދިން ހަމަލާ އެގައުމުގެ ސަރުކާރުން ތަހުގީގުކުރާނެ ކަމަށެވެ. އަދި އެގައުމުގެ ސަލާމަތީ ބާރުގެ އެއްވެސް ފަރާތަކުން ހަމަލާއެއް ދިނުމަށް ކޮމާންޑެއް ދީފައި ނުވާނެ ކަމަށް ރިއޮސް ވިދާޅުވިއެވެ.