މުހައްމަދު އައުޒަމް
ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ޕެރޫގެ ކުރީގެ ރައީސް އަލެޖަންދްރޯ ޓޮލޭޑޯ 20 އަހަރަށް ޖަލަށްލައިފިއެވެ.
ޕެރޫގެ ކޯޓުން ވަނީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވުމުގެ ސަބަބުން ޓޮލޭޑޯ 20 އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
2001 ވަނަ އަހަރުން 2006 ވަނަ އަހަރަށް ޕެރޫގެ ރައީސްކަން ކުރެއްވި ޓޮލޭޑޯގެ ވެރިކަމުގައި ބްރެޒިލްގެ ކޮސްޓްރަކްޝަން ކުންފުންޏަކަށް ދެކުނު ޕެރޫގެ މަގުތައް ހެދުމަށް އެވޯޑު ކުރި ކޮންޓްރެކްޓެއްގެ އިނާމެއްގެ ގޮތުން ޓޮލޭޑޯ އަށް 35 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާކަމަށް ކޯޓަށް ސާބިތުވެފައިވެއެވެ.
ޓޮލޭޑޯގެ މައްޗަށް ކުރާ ތުހުމަތުތަކަށް ތަހުގީގު ހިންގުމަށް އޭނާ ހައްޔަރުކޮށްފައިވަނީ މީގެ ފަސް އަހަރު ކުރިން އެމެރިކާގެ ކެލިފޯނިއާއިންނެވެ.
ކޯޓުން ޓޮލޭޑޯގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވާ ކަމަށް ހުކުމް ކުރި ނަމަވެސް އޭނާ އެކަންކަމަށް އިންކާރު ކުރައްވައިފައެވެ.