ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް 225 މިލިއަން ރުފިޔާ ހަރަދުކޮށްފި

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް މިހާތަނަށް 225 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ކުޅިވަރު އެތުލީޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ މި ސަރުކާރުން ކުޅިވަރަށް ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށާއި އެގޮތުން އަހަރެއްހާ ދުވަހަށް ބަލާއިރު އެއީ ބޮޑު ހޭދައެއް ކަމަށެވެ.

"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން މި ވޭތުވެދިޔަ އަހަރެއްހާ ދުވަހަށް ބަލައިލުމުން ވެސް ހެކިދޭ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަހާ ހަމައަށް ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް އެކަނިވެސް 255 މިލިއަން ރުފިޔާ ވަނީ ހަރަދުކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް މި ސަރުކާރުން މުހިންމު ކަމެއް ދީގެން އެންމެ ފުރަތަމަ ކުރެވުނު ކަމަކީ ކުޅިވަރުގެ ދިގު ރާސްތާގެ ޕްލޭނެއް އެކުލަވާލުން ކަމަށާއި އެ ޕްލޭނުގައި ހިމެނެނީ ސާކް ސަރަހައްދުން ބޭރުން މެޑަލް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ކުރަންޖެހޭ މަސައްކަތާއި، އެކުއެކީގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ތަފްސީލު ކަމަށެވެ.

"މިކަން ވަނީ އަޅުގަނޑުމެންނަށް ފެށިފައި. އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސްގެ ޕޯޑިއަމުން އަޅުގަނޑުމެންގެ އެތުލީޓުން ފެނުން، އަޅުގަނޑުމެން މި ދެކެނީ ވަރަށް ބޮޑު ހުވަފެނެއްގެ ގޮތުގައި. އެހެންވީމާ އެ މަރުހަލާއަށް ދަތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރާނެ ގޮތުގެ ޕްލޭނެއް މިވަނީ އެކުލަވާލެވިފައި. މިކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފަހި ދޮރެއް ވެސް ވަނީ ހުޅުވިފައި. އެއީ މިއަހަރުގެ ޖުލައި މަހު ޕެރިހުގައި އޮތް އޮލިމްޕިކްސްއަށް ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ކޮލިފައިވުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ރާފިއު އިތުރަށް ވިދާޅުވީ ސާކް ސަރަހައްދުގެ ކޮލިފައިންގެ އެއްވަނަ ހޯދައި، އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވި ދުވަހަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ރަން އަކުރުން ފަވާލެވުނު ފަހުރުވެރި ދުވަހެއް ކަމަށާއި އޭގެ އިތުރުން 2026 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި ކުޅިވަރުގެ ޝަރަފު ސާފިން އިން ހޯދުމަކީ ވެސް ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.