ރޭ ކުޅުނު ޔޫއެފާ ނޭޝަންސް ލީގު މެޗުތަކުން ޖަރުމަނާއި ފްރާންސް އަދި އިޓަލީވެސް މޮޅުވެއްޖެއެވެ.
ނޭޝަންސް ލީގުގެ، އޭ ލީގު ގްރޫޕް ތިނެއްގައި ރޭ ޖަރުމަނުން ނެދަލޭންޑްސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ޖަރުމަނުން ހޯދި ހަނިމޮޅާއެކު އެ ޓީމުން ވަނީ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފައެވެ. އެއީ ނޭޝަންސް ލީގުގެ އޭ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ސީދާ ކުއާޓާއަށް ދާތީއެވެ.
ޖަރުމަނުން ތިންވަނަ ގްރޫޕުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި އެއްވަނައިގައި އޮތް އިރު، އެ ގްރޫޕްގެ ދެވަނައިގައި އޮތް ނެދަލޭންޑްސް އާއި ތިންވަނައިގައި ހަންގޭރީ އޮތީ ހަތަރު މެޗުން ފަސް ޕޮއިންޓާއެކު އެއްވަރެއްގައެވެ. ތަފާތަކީ ފައިދާ ގޯލެވެ. ގްރޫޕްގެ ފުލުގައި ބޮސްނިއާ އޮތީ ހަތަރު މެޗުން އެންމެ ޕޮއިންޓަކާއެކުގައެވެ.
ނެދަލޭންޑްސްއިން އެޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކާ ނުލައި ރޭގެ މެޗަށް ނުކުމެފައިވާ އިރު، ފުރަތަމަ ކޮޅުގައިވެސް ޖަރުމަނު ދިޔައީ ނުރައްކާ ކުރަމުންނެވެ. ސްޓަޓްގާޓްގެ ފޯވަޑް، ޖޭމީ ލެވެލިން ފުރަތަމަ ހާފުގައި ފޮނުވާލި ބޯޅައެއް ގޯލަށް ވަންނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތްކުރި އިރު، ލެވެލިން އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
ނެދަލޭންޑްސްއަށް މާ ބޮޑު ފުރުސަތުތަކެއް މެޗުގައި ތަނަވަސްކުރެވިފައި ނުވާ އިރު، ދެވަނަ ހާފުގައި ޖަރުމަނަށް ހަމައެކަނި ގޯލު ޖަހައިދިނީވެސް ގައުމީ ޓީމަށް އަލަށް ނުކުތް ލެވެލިންނެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތުގައި ލެވެލިން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.
ފްރާންސުން ވަނީ ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ ރަށުން ބޭރުގައި 2-1 އިން ބެލްޖިއަމް ބަލިކޮށްފައެވެ. އެ ނަތީޖާއާއެކު އެ ގްރޫޕްގެ ދެވަނައިގައި ފްރާންސް އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ އެއްވަނައިގައި އޮތީ ރޭ އަމިއްލަ ގައުމުގައި އިޒްރޭލުގެ މައްޗަށް 4-1 އިން ކުރި ހޯދި އިޓަލީއެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ.
ބެލްޖިއަމް މިހާރު އޮތް ހާލަތުން އެޓީމަށް ކުއާޓާއަށް ދެވެން ދެން އޮތީ ހަނި ފުރުސަތެކެވެ. އެއީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު އޮތުމުންނެވެ. ބެލްޖިއަމް މިހާރު އޮތް ތިންވަނަ މަގާމުން އެޓީމަށް ކުޅެން ޖެހޭނީ ރެލިގޭޝަން ޕްލޭ އޮފް މެޗެކެވެ. އިޒްރޭލް އެ ގްރޫޕްގެ ފުލުގައި އޮތީ ހަތަރު މެޗުން އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ފްރާންސާއި ބެލްޖިއަމް ރޭ ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، 23 ވަނަ މިނެޓުގައި ލީޑު ނަގަން ބެލްޖިއަމަށް ފުރުސަތު ލިބުނެވެ. އެއީ ވިލިއަމް ސަލީބާ، ލިއޮސް އޮޕެންޑާއަށް އޭރިއާ ތެރެއިން ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެއްގައެވެ. އެހެންނަމަވެސް، އެ ޕެނަލްޓީ ޔޫރީ ތީލަމަންސް ފޮނުވާލީ މާ ބޮޑަށްވެސް މަތިންނެވެ.
އޭގެ އިރުކޮޅެއްފަހުން 35 ވަނަ މިނެޓުގައި ފްރާންސް ލީޑު ނެގީވެސް ޕެނަލްޓީއެއްގައެވެ. އޭރިއާ ތެރެއިން ވޯޓް ފައެސް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ފްރާންސަށް ކާމިޔާބުކޮށްދިނީ ރަންޑަލް ކޯލޯ މުއާނީއެވެ. އެ ގޯލާއެކު ފްރާންސުން ލީޑުގައި ހާފު ނިންމާލަން ދަނިކޮށް، ބެލްޖިއަމްގެ އޮޕެންޑާ ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ތިމޮތީ ކަސްޓާނިއާ އަރިމަތިން ނެގި ހުރަހަކުން ބޮލުން ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ ފްރާންސްގެ މަނޫ ކޯނޭ ޖެހި ބޯޅެއް ގޯލަށް ވަންނަމެވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ، އެ ބޯޅަަށް ފުރުސަތު ތަނަވަސް ކުރުމުގެ ތެރޭގައި މުއާނީ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.
ފްރާންސުން މެޗުން މޮޅުވީ 62 ވަނަ މިނެޓުގައި މުއާނީ ޖެހި ގޯލުންނެވެ. އެއީ ލޫކަސް ޑީނިއޭގެ ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ. މެޗުގެ ފަހު 14 ވަރަކަށް މިނެޓް ފްރާންސުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އޮރެލިއަން ޗުއެމެނީއަށް ދެއްކި ރަތް ކާޑާއެކުގައެވެ.