ރާއްޖޭގެ އެކި ރަށްރަށުގައި ތިބެގެން "ވަން އޮންލައިން"އަށް ލިޔާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
"ވަން އޮންލައިނުން މި ފުރުސަތު ހުޅުވައިލީ، މި ނޫހަށް ލިޔުމުގެ ފުރުސަތަށް އެދި ބައެއް ފަރާތްތަކުން އެ ޝައުގުވެރިކަން ފާޅުކުރަމުން އަންނާތީ އާއި އެ ގޮތަށް ލިޔާން ބޭނުންވާ ގިނަ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭނެތީ، އެފަދަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
"ނޫސްތަކަށް ލިޔަން ބޭނުންވާ، ނޫސްވެރިކަމުގެ އަދި ލިޔުންތެރިކަމުގެ ހުނަރު ހުންނަ ވަރަށް ގިނަ ބަޔަކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަ ތިބި. "ވަން" އިން މި ހުޅުވައިލާ ފުރުސަތުގެ ބޭނުމަކީ އެފަދަ ފަރާތްތަކަށް އެ މީހުންގެ އަމިއްލަ ނަމުގައި އަމިއްލަ ރަށުގައި ތިބެގެން ލިޔުމުގެ ފުރުސަތު ހޯދައިދިނުން. ރިޕޯޓުތަކާއި ޚަބަރު ފަދަ ލިޔުންތައް ލިޔުމުގެ ފުރުސަތު އެމީހުންނަށް ދެވޭނެ." އަލަށް މި ހުޅުވައިލި ފުރުސަތާ ގުޅޭ ގޮތުން ވަން އޮންލައިންގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވި އެވެ.
"ވަން" އިން މި ހުޅުވައިލި ފުރުސަތުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެރަށެއްގެ ޚަބަރު ތަކާއި ރިޕޯޓުތައް ސީދާ އެ ރަށަކުން ގެނެވޭނެ ގޮތް ހެދުން ކަމަށާއި އޭރުން އެ ރަށްރަށުގެ ރައްޔިތުންގެ ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ވެސް ކަމާ ބެހޭ ފަރާތްތަކަށް ސާފުކަން ބޮޑު ގޮތެއްގައި ގެނެސްދެވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މިންނު ފާހަގަކުރެއްވި އެވެ.
"ވަން" އަށްލިޔުމުގެ ފުރުސަތު ދޭ އިރު، ބޮޑެތި ރަށްރަށުން އެކަކަށް ވުރެ ގިނަ މީހުންނަށް ވެސް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް ކުދި ރަށްރަށުން އެ ފުރުސަތު ދޭން ނިންމާފައި ވަނީ އެކަކަށެވެ.
"ވަން އޮންލައިން" އަށް ލިޔުމުގެ ފުރުސަތު ލިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ އަސާސީ ތަމްރީނު ދިނުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން މި ތަމްރީނު ޕްރޮގްރާމްތައް ވެސް ވަރަށް އަވަހަށް ފެށޭނެ އެވެ. ތަމްރީނު ޕްރޮގްރާމްތަކުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
މި ކަމަށް އެދޭ ފަރާތްތަކުން ވަނަވަރު މެއިލް ކުރާނީ [email protected] އަށެވެ. ސުންގަޑިއަކީ މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ.