ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ޏ. ފުވައްމުލައް/ ރަނިކަ، އަލީ ޝަރީފް އިބްރާހިމް (ޏ. އަލީ ސަރީފް)، 84 އ، މިއަދުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަލީ ޝަރީފްގެ ޖަނާޒާ، މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގައި ވަނީ ބާއްވައިފައެވެ.
ރައީސް މުއިއްޒު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލީ ޝަރީފަކީ 31 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި މަގާމުތައް ފުރުއްވި ހީވާގި، މުރާލި ބޭފުޅެއް ކަމަށާއި މަރުހޫމް އަލީ ޝަރީފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވައި، އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދަންނަވާ ކަމަށެވެ.
"އަލްމަރުހޫމް އަލީ ޝަރީފް އިބްރާހީމް (ޏ. އަލީ ޝަރީފް) އަކީ، ދިވެހި ބަހުގެ އަދީބެކެވެ. ޝަރުއީ އަދި ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ހިދުމަތްތެެރިއެކެވެ. ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1981 ވަނަ އަހަރު ހާސިލުކުރެއްވި ކުޅަދާނަ ޝާއިރެކެވެ..،" ރައީސް ވިދާޅުވިއެވެ.
އަލީ ޝަރީފަކީ ވަން މީޑިއާ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި އެޑިޓަރު ސިނާން އަލީގެ ލޮބުވެތި ބައްޕައެވެ.
އަލީ ޝަރީފް ނިޔާވި އިރު ދުނިޔޭގައި ހަތް ދަރިން އެބަތިއްބެވެ. އެއީ ތިން ފިރިހެން ދަރިންނާއި ހަތަރު އަންހެން ދަރިންނެވެ.
އަލީ ޝަރީފަކީ ދައުލަތުގެ ވަރަށް ގިނަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޕަބްލިކް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޮމިޝަނަރުކަމާއި ގިނަ ކޯޓުތަކެއްގެ އިސް ގާޒީކަމާއި ގާޒީކަމާއި މި ނޫނަސް ދައުލަތުގެ އިސް މަގާމުތައް ވަނީ ފުރުއްވައިފައެވެ.
އަލީ ޝަރީފް ވަނީ ސަރުކާރުގައި ދެފަހަރު މަތިން 31 އަހަރު ދުވަހު ހިދުމަތް ކުރައްވައިފައެވެ.
އަލީ ޝަރީފަށް ވަނީ ޅެންވެރިކަމުގެ ރޮނގުން 1981 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
އަލީ ޝަރީފުގެ ޅެންތައް ހިމެނޭ 2 ޅެންފޮތް، ބިއްސާވެލި 1 އަދި 2، ސަރުކާރުން ވަނީ ޗާޕުކޮށްގެން ނެރެފައެވެ.