ޚަބަރު

ވަންގެ ތައުޒިޔާ

ވަން މީޑިއާ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި އެޑިޓަރު ސިނާން އަލީގެ ލޮބުވެތި ބައްޕަ، ޏ. ފުވައްމުލައް/ ރަނިކަ، އަލީ ޝަރީފް އިބްރާހިމް (ޏ. އަލީ ސަރީފް)، 84 އ، ވަނީ މިއަދުގެ ވަގުތެއްގައި އަވަހާރަވެފައެވެ.

އަލީ ޝަރީފްގެ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހުގައި ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ސިނާން އަލީގެ އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމައިގައި ވަން މީޑިއާ ގްރޫޕުގެ މެނޭޖުމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަމެވެ.

އަޅުގަނޑުމެންގެ ދުއާއަކީ މަރުހޫމަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.

އަލީ ޝަރީފް ނިޔާވި އިރު ދުނިޔޭގައި ހަތް ދަރިން އެބަތިއްބެވެ. އެއީ ތިން ފިރިހެން ދަރިންނާއި ހަތަރު އަންހެން ދަރިންނެވެ.

އަލީ ޝަރީފަކީ ދައުލަތުގެ ވަރަށް ގިނަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޕަބްލިކް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޮމިޝަނަރުކަމާއި ގިނަ ކޯޓުތަކެއްގެ އިސް ގާޒީކަމާއި ގާޒީކަމާއި މި ނޫނަސް ދައުލަތުގެ އިސް މަގާމުތައް ވަނީ ފުރުއްވައިފައެވެ.

އަދާކުރެއްވި ވަޒީފާތައް:

  • ދ. އަތޮޅުގެ އެޓާނީ ޖެނެރަލްގެ އެހީތެރި - އެޓާނީ ޖެނެރަލްގެ އޮފީސް
  • އެހީތެރި - އެޓާނީ ޖެނެރަލްގެ އޮފީސް
  • ސީނިއާ އެހީތެރި - އެޓާނީ ޖެނެރަލްގެ އޮފީސް
  • ދިވެހި މުދައްރިސް (ގްރޭޑް 3) - މަޖީދިއްޔާ ސްކޫލް
  • ސުޕަވައިޒަރު - އެޑިއުކޭޝަން މިނިސްޓްރީ
  • އެޑިއުކޭޝަނަލް ސުޕަވައިޒަރު - އެޑިއުކޭޝަން މިނިސްޓްރީ
  • ގާޒީ - ކޯޓު ނަންބަރު 3
  • ގާޒީ - ކޯޓު ނަންބަރު 1
  • ގާޒީ - ކޯޓު ނަންބަރު 5
  • ގާޒީ - ކޯޓު ނަންބަރު 7
  • ގާޒީ - ކޯޓު ނަންބަރު 4
  • ވަގުތީ ގާޒީ - އަވަސްނިޔާގެ ކޯޓު
  • އިސް އެހީތެރިޔާ - ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު
  • ޑިރެކްޓަރު - އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ މިނިސްޓްރީ
  • ކޮމްޕްލެއިންޓްސް ކޮމިޝަނަރު - ޕަބްލިކް ކޮމްޕްލިމެންޓްސް ބިއުރޯ

އަލީ ޝަރީފް ވަނީ ސަރުކާރުގައި ދެފަހަރު މަތިން 31 އަހަރު ދުވަހު ހިދުމަތް ކުރައްވައިފައެވެ.

އަލީ ޝަރީފަށް ވަނީ ޅެންވެރިކަމުގެ ރޮނގުން 1981 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

އަލީ ޝަރީފުގެ ޅެންތައް ހިމެނޭ 2 ޅެންފޮތް، ބިއްސާވެލި 1 އަދި 2، ސަރުކާރުން ވަނީ ޗާޕުކޮށްގެން ނެރެފައެވެ.