ހޮލީވުޑް

ރީހާނާ ވައްޓާލައި ދުނިޔޭގެ އެންމެ މުއްސަނދި އަންހެން ލަވަކިޔުންތެރިޔާގެ މަގާމު ޓެއިލާއަށް

ދުނިޔޭގެ އެންމެ މުއްސަނދި އަންހެން ލަވަކިޔުންތެރިޔާގެ މަގާމު 1.6 ބިލިއަން ޑޮލަރުގެ ނެޓް ވޯތާއެކު ޓެއިލާ ސުވިފްޓަށް ލިބިއްޖެއެވެ.

ޓެއިލާއަށް މި ކުރިއެރުން ލިބުނުކަން ފޯބްސްއިން އިއުލާނުކޮށްފައިވަނީ އޭނާގެ އެރާސް ޓުއާ ކާމިޔާބު ކަމާއެކު ކުރިއަށްދާ މިދަނޑިވަޅުގައެވެ. ކުރީން އެންމެ މުއްސަނދި އަންހެން ލަވަކިޔުންތެރިޔާގެ ރެކޯޑު އޮތީ ރިހާނާ އަތުގަވެ. އޭނާގެ ނެޓް ވޯތަކީ 1.4 ބިލިއަން ޑޮލަރެވެ.

ފޯބްސްއިން ބުނިގޮތުގައި ޓެއިލާގެ މުދަލުތަކުގެ ތެރެއިން 600 މިލިއަން ޑޮލަރަކީ އެކި ޓުއާތަކުންނާއި ރޯޔަލްޓީ ތަކުން އޭނާއަށް ލިބޭ އާމްދަނީ ކަމަށެވެ. އަދި އިތުރު 600 މިލިއަން ޑޮލަރަކީ އޭނާގެ މިއުޒިކް ލައިންބްރަރީން ލިބޭ އާމްދަނީއެވެ. މީގެ އިތުރުން 125 މިލިއަން ރިއަލް އެސްޓޭޓް ވިޔަފާރިން އޭނާއަށް ލިބޭކަމުގައި ފޯބްސްއިން ބުނެއެވެ.

2023 ވަނަ އަހަރު އެކަނިވެސް ޓެއިލާއަށް ސްޕޮޓިފައި އިން 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށްވެއެވެ. އޭގެ ތެރެއިން އެންމެ މަގުބޫލީ 2022 ވަނަ އަހަރު ނެރުނު އަލްބަމް "މިޑްނައިޓް" އަދި 2023 ގައި ނެރުނު "1989،1989" ގެ ރީ-ރިކޯޑިން އަލްބަމްގެ ލަވަތަކެވެ.

ޓެއިލާ އެރާސް ޓުއާ ނިންމާލާނީ މިއަހަރު ފަހުކޮޅު ކެނެޑާގަ އެވެ. އޭގެ ކުރިން މިމަހު 18ގައި އެ ޓުއާގެ ބައެއް ޝޯތައް އެމެރިކާގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.