ރަޔަން ރެނޯލްޑްސް އާއި ބްލޭކް ލައިވްލީގެ މައްޗަށް ޖަސްޓިން ބަލްޑޯނީ ކުރި 400 މިލިއަން ޑޮލަރުގެ އަބުރު ގެއްލުވުމުގެ ދައުވާ ބާތިލުކުރުމަށް އެދި ރަޔަން ކޯޓަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގައި، ރަޔަންގެ ގާނޫނީ ޓީމުން ވަކާލާތުކޮށްފައިވަނީ ޖަސްޓިންގެ މައްސަލަ ބިނާވެފައިވަނީ އަމިއްލަ މަސްލަހަތާއި "ހިތްހަމަނުޖެހުން" ގެ މައްޗަށް ކަމަށާއި، މިއީ ސައްހަ ދައުވާއެއް ނޫން ކަމަށެވެ.
ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައިވަނީ، ރަޔަން ޖަސްޓިން އަށް (ޕްރިޑޭޓަރު) "ޝިކާރަ ކުރާ މީހާ" އޭ ގޮވާފައިވަނީ ޖަސްޓިންގެ އުޅުމަކީ އެފަދަ މީހެއްގެ އުޅުން ކަމަށް ގަބޫލުކުރެވޭތީ ކަމަށާއި، މިފަދަ ބަޔާންތަކަކީ ރަޔަން ގަސްދުގައި ދޮގު މައުލޫމާތު ދިން ކަމަށް ސާބިތު ނުވާހާ ހިނދަކު އަބުރު ގެއްލުވުން ކަމަށް ނުބެލެވޭނެ ކަމަށެވެ.
މި ގާނޫނީ ހަނގުރާމަ ފެށިފައިވަނީ ފާއިތުވި އަހަރު "އިޓް އެންޑްސް ވިތް އަސް" ރިލީޒްވުމަށްފަހު ހިނގި ކަންތައްތަކާ ގުޅިގެންނެވެ. ބްލޭކް ލައިވްލީ އޭނާގެ އެކްޓިން ބައިވެރިޔާ ޖަސްޓިންގެ މައްޗަށް ދައުވާ ކުރިއެވެ. ފިލްމު ސެޓުގައި ޖިންސީ ފުރައްސާރަކުރުމާއި އަބުރަށް ގެއްލުން ދިނުމަށް ރޭވުންތެރި ގޮތެއްގައި މަސައްކަތްކުރި ކަމުގެ ތުހުމަތު ޖަސްޓިންގެ މައްޗަށް ކުރިއެވެ.
އޭގެ ފަހުން ޖަސްޓިން ބްލޭކް އަދި ރަޔަންގެ މައްޗަށް އަބުރު ގެއްލުވުމުގެ ދައުވާ ކުރިއެވެ.
ރަޔަންގެ ގާނޫނީ ޓީމުން ވަކާލާތުކުރާ ގޮތުގައި ޖަސްޓިންގެ ދައުވާއަކީ ބްލޭކްއާ ދެކޮޅަށް ބަދަލުހިފުމަށް ކުރާ މަސައްކަތެކެވެ. އެކަށީގެންވާ ހެކި ހުށަނާޅައި އަމިއްލަ ނަފުސު ޝިކާރައަކަށް ވި މީހެއްގެ ގޮތުގައި ދެއްކުމަށް ކުރާ މަސައްކަތެކެވެ. މީގެ އިތުރުން، ރަޔަންގެ ވަކީލުން ފާހަގަކޮށްފައިވާ ގޮތުގައި "ނައިސްޕޫލް" ކެރެކްޓަރުން އޭނާއާ މެދު މަލާމާތްކުރި ކަމަށް ޖަސްޓިން ކުރާ ޝަކުވާތަކަކީ އަސާސެއް ނެތް ޝަކުވާތަކެކެވެ. އަދި މިއީ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ދައުވާތަކެއްގެ ބަދަލުގައި އާންމު ޝަކުވާތަކެއްގެ ގޮތުގައި ބެލެވޭނެ ކަމެކެވެ.