މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ އެންމެ އަގުބޮޑު ފިލްމު ފްލޮޕަކަށް!

ނެޓްފްލިކްސްގެ ތާރީހުގައި ހެދި އެންމެ އަގުބޮޑު ފިލްމު، "ދަ އިލެކްޓްރިކް ސްޓޭޓް" ފްލޮޕަކަށް ވެއްޖެއެވެ.

އެ ފިލްމަށް 320 މިލިއަން ޑޮލަރު ހަރަދުކުރި އިރު، މިއީ "ޖަސްޓިސް ލީގް" އަދި "އެވޭޓާ" ފަދަ ބޮޑެތި ބްލޮކްބަސްޓާ ފިލްމުތަކަށްވުރެވެސް އަގުބޮޑު ފިލްމެކެވެ. އެގޮތުން މި ފިލްމަކީ މުޅި ސިނަމާ ތާރީހުގައި އުފެއްދި އެންމެ އަގުބޮޑު 13 ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ކްރިސް ޕްރެޓް އަދި މިލީ ބޮބީ ބްރައުން މައިގަނޑު ރޯލުތަކުގައި ފެނިގެންދާ މި ޑިސްޓޯޕިއަން އެކްޝަން ފިލްމަކީ ނެޓްފްލިކްސްގެ އެންމެ ބޮޑު ރިލީސްގެ ކަމަށް ބެލެވުނު ފިލްމެކެވެ. ނަމަވެސް އުއްމީދު ކުރިވަރާ ގާތަށްވެސް ފިލްމު ކާމިޔާބުވެފައެއް ނުވެއެވެ.

ދަ އިލެކްޓްރިކް ސްޓޭޓް އަށް ލިބިފައިވާ ފާޑުކިޔުންތަކަށް ބަލާއިރު "ދަ ވަލްޗާ" އިން އެ ފިލްމު ސިފަކޮށްފައިވަނީ "320 މިލިއަން ޑޮލަރުގެ ކުނިގަނޑެއް"ގެ ގޮތުގައެވެ. "ސްކްރީންރޭންޓް" އިން ބުނެފައިވާ ގޮތުން މިއީ ސިނަމާގެ އަސްލަށް ގެއްލުންދޭ އެއްޗެކެވެ. ރޮޓަން ޓޮމޭޓޯސްގައި ފިލްމަށް ލިބިފައިވަނީ 14 ޕަސެންޓް ކްރިޓިކް ސްކޯއެކެވެ.