ދުނިޔެ

ލަންކާގައި ސްކޭމް ހިންގަމުންދިޔަ ޗައިނާގެ 120 މީހަކު ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ލަންކާގައި ސްކޭމް ހިންގަމުންދިޔަ ޗައިނާގެ 120 މީހަކު ހައްޔަރުކޮށްފިއެވެ.

ސްރީ ލަންކާގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މި 120 މީހުން ހައްޔަރުކޮށްފައި ވަނީ، އެ ގަައުމުގެ ކެންޑީގެ ކުންޑަސޭލްގައި ހުންނަ ލަގްޒަރީ ބަންގަލޯއެއް ބަލައި، ފާސްކޮށް އޮންލައިންކޮށް އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައެވެ.

47 ކޮޓަރި ހިމެނޭ އެ މެންސަންގައި ދިރިއުޅެމުން، އެތަނުގައި ސްކޭމް އޮޕަރޭޝަން ހިންގަމުން ދިޔަ އެމީހުން ބޭނުންކުރި 15 ކޮމްޕިއުޓަރާއި 300 މޯބައިލް ފޯނު ހޯދައިފައި ވާކަމަށް ފުލުހުން ބުނެއެވެ.

ލަންކާގެ ފުލުހުން ވަނީ އޮންލައިކޮށް ހިންގަމުން ގެންދިޔަ ބޮޑު ސްކޭމް ސެންޓަރުން ހޯދައިފައިވާ ހުރިހާ ތަކެއްޗަކީ އެކަން ކުރުމަށް އެމީހުން ބޭނުންކުރި އާލާތްތައް ކަމަށް ބުނެފައެވެ.

ލަންކާގެ ފުލުހުން ދާދިފަހުން ވެސް ވަނީ އެގައުމުގެ ޕަނަޑޫރާ ސަރަހައްދުގެ ހޮޓަލެއް ރެއިޑްކޮށް ބޮޑު ނެޓްވޯކެއް އަތުލައިފައެވެ. ފުލުހުން ވަނީ އެފަހަރުވެސް ޗައިނާގެ ގިނަ ބަޔަކު ހައްޔަރު ކޮށްފައެވެ. ފުލުހުން ކުރިން ހިންގި ރެއިޑުގައި އަތުލައިގަނެފައިވާ ގުރޫޕާއި ފަހުން އަތުލައިގަތް ގުރޫޕާ ގުޅުމެއް އޮންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.