މުހައްމަދު އައުޒަމް
ތޫފާން މިލްޓަންގައި އެމެރިކާގެ ފްލޮރިޑާއިން ހަތަރު މީހަކު މަރުވެ، އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިއްޖެއެވެ.
ބުރާސްފަތި ދުވަހު ފްލޮރިޑާއަށް އެރި ބާރުގަދަ ތޫފާން މިލްޓަން، އެ ސްޓޭޓު ހުރަސްކޮށް އެޓްލާންޓިކް ކަނޑަށް ދަތުރުކޮށްފައިވާ އިރު، ފްލޮރިޑާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ތޫފާނުގެ ސަބަބުން ވައި ގަދަވެ ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ފްލޮރިޑާއަށް ވަނީ ގިނަ އަދަދެއްގެ ނަގޫރޯޅިތަކެއް ވެސް އަރައިފައެވެ.
ތޫފާން އަރައި ހިނގި ހާދިސާތަކުގައި ހަތަރު މީހަކު މަރުވެފައިވާ އިރު، އެ ސްޓޭޓްގައި އެތައް ސަތޭކަ ގެއެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން ތޫފާންގައި އެތައް މިލިއަން ބަޔަކު ހާލުގައި ޖެހި، އަސާސީ ހިދުމަތްތަކުން މަހުރޫމު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފްލޮރިޑާގެ ގަވަރުނަރު ރޮން ދެސަންޓީސް ވިދާޅުވީ ތޫފާންގެ ސަބަބުން އެ ސްޓޭޓަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލުން ސަލާމަތް ވެވިފައިވާ ކަމަށާއި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޮފިޝަލުން ބުނީ ތޫފާނުގެ ސަބަބުން ފްލޮރިޑާއިން 2000 އަށްވުރެ ގިނަ ފްލައިޓު ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެއާޕޯޓަށް ލިބިފައިވާ ގެއްލުން ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.