އިމާދު ލަތީފު
ހުސްވި ހަފުތާގެ ތެރޭގައި އިންޑިޔާގެ އުތުރުބިތުގެ މުހިންމު ދެ ސްޓޭޓެއް ނުވަތަ ދެތަނެއްގައި ސަރަހައްދީ އިންތިޚާބު ވަނީ ބާއްވައިފައެވެ. އެ ދެ އިންތިޚާބުގެ ނަތީޖާ މިދިޔަ އަންގާރަ ދުވަހުއެވެ. އެއްތަނަކީ ކަޝްމީރެވެ. އަނެއްތަނަކީ ހަރިޔާނާއެވެ. މި ދެ އިންތިޚާބު ކާމިޔާބު ކުރުމަށް މަރުކަޒީ ވެރިކަން ހިންގާ ބީޖޭޕީން ޖަހަމުންދިޔައީ ދީނީ ބެރެކެވެ. ހަރިޔާނާއަކީ ކުރިން ޕަންޖާބު ސްޓޭޓްގެ ބައެކެވެ. އެތަނުގައި އަގުލަބިއްޔަތު އޮންނަނީ ސިކުންނަށް ކަމުގައިވާތީ ހިންދީންގެ ތާރީޚުން ބާބެއް ހުޅުވައި ބަލައިފައި ހިންދޫންގެ ދީނީފޮތް ބަގަވަތު ގީތާ ވުޖޫދުވީތަނަކީ ހަރިޔާނާކަމަށް ކަނޑައަޅައި ހިންދޫންނަށްޓަކައި 1966 ވަނަ އަހަރު ހަރިޔާނާގެ ނަމުގައި ސްޓޭޓެއް ވުޖޫދުކުރީއެވެ. ޕަންޖާބު ދެބައިކުރީއެވެ. ޕަންޖާބު ދެބައިކޮށްފައި ބަގަވަތު ގީތާގެ ވަޒަނުގެ ގޮތުގައި ހަރިޔާނާ ވުޖޫދުކުރިޔަސް އެ ދެ ސްޓޭޓްގެ ވެރިރަށަކީ އަދިވެސް އެއްރަށެކެވެ. ޗަންދީގަޅެވެ. ޕަންޖާބުގެ ވެރިރަށަކީވެސް އެއީއެވެ. ހަރިޔާނާގެ ވެރިރަށަކީވެސް އެއީއެވެ.
ރަސްމީގޮތުން ޗަންދީގަޅަކީ މިއިން އެއްވެސް ސްޓޭޓެއްގެ ތަނެއް ނޫނެވެ. ނިއުދިއްލީގައިވާ މަރުކަޒީ ސަރުކާރުގެ ސީދާ ބެލުމުގެ ދަށުގައިވާ ޔުނިއަން ޓެރިޓަރީއެކެވެ. ހަރިޔާނާގެ ސަރަހައްދީ ޕާލަމަންޓާއި ސްޓޭޓްގެ ހުރިހާ ވުޒާރާޔަކާއި ޕަންޖާބުގެ ސަރަހައްދީ ޕާލަމަންޓާއި ވުޒާރާތައްވެސް ޗަންދީގަޅުގައި ހިނގަމުންދިޔުމާއެކުގައެވެ. އެހެންވީމާ ޗަންދީގަޅަކީ އިންޑިޔާގެ އެހެންއެއްވެސް ސިޓީއަކަށް ލިބިފައިނުވާ ޚާއްސަ މަގާމަކާއި ހައިސިއްޔަތެއް ލިބިފައިވާ ސިޓީއެކެވެ. ދެ ސްޓޭޓެއްގެ ވެރިރަށެވެ. އެކަމަކު އެ ދެ ސްޓޭޓަށްވެސް ނިސްބަތްނުވާ ރަށެކެވެ. އެވާހަކަ އިހަށް ބާއްވަމާބަހީއެވެ. ހަރިޔާނާގެ އިންތިޚާބުގެ ވާހަކަ ދައްކަމާބަހީއެވެ. ހަރިޔާނާ ސްޓޭޓްގެ ސަރަހައްދީ ޕާލަމަންޓް ނުވަތަ އެސެމްބްލީއަށް 90 މެންބަރުން އިންތިޚާބު ކުރުމަށް ވޯޓުލުން ބޭއްވީ މިހަފުތާގެ އާދީއްތަ ދުވަހުއެވެ. ކުރިން ގަބޫލުކުރެވިފައިއޮތީ މި ސްޓޭޓްގެ އިންތިޚާބު ކާމިޔާބުކުރާނީ އިދިކޮޅު ކޮންގްރެސް ޕާޓީ ކަމުގައެވެ. ޚިޔާލުއެއްކުރުންތަކުން ދެއްކީވެސް އެގޮތަށެވެ.
އެކަމަކު އަންގާރަދުވަހު ނަތީޖާ ސާފުވިއިރު މި ސްޓޭޓްގައި އަޣުލަބިއްޔަތު ލިބުނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށެވެ. މިއީ ހަރިޔާނާގެ ސަރަހައްދީ އިންތިޚާބު ބީޖޭޕީން ވިދިވިދިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މި ތިންފަހަރުވެސް މިކަންކުރީ މޯދީގެ ޒައާމަތުގެ ދަށުގައެވެ. ހަރިޔާނާގައި މޯދީ ހެޓްރިކް ހެއްދެވީއެވެ. ކޮންމެފަހަރަކުވެސް ޖަހަނީ އެއްބެރެކެވެ. ދީނީ ބެރެވެ. ދައްކަނީ މަހާބާރަތާޔާއި ބަގަވަތު ގީތާގެ ވާހަކައެވެ. ހަރިޔާނާގެ ވެރިކަން ބީޖޭޕީ ނޫން އެހެން ބަޔަކަށް ލިބުން ދީންވެސް ހުއްދަނުކުރާ ކަމުގެ ވާހަކައެވެ. ކޮންމެއަކަސް ކުރިންވެސް ބަޔާންކުރެވުނު ފަދައިން ހަރިޔާނާއަކީ ސިކުންދެކެ ގަންނާކުރައްވާ ބިރަކުން 1966 ވަނަ އަހަރު ޕަންޖާބު ދެބައިކޮށްފައި ޕަންޖާބުގެ އިރުމަތީފަޅީގައި ހިންދޫންނަށްޓަކައި އުފަންކުރެވުނު ހިންދޫ ސްޓޭޓަކަށްވާތީ އެތަނުގެ ރައްޔިތުން މިބެރަށް ފައިހަމަކޮށްފައި ބީޖޭޕީއަށް ވެރިކަން އެބަދެއެވެ. ހަރިޔާނާގެ ސްޓޭޓް އެސެމްބްލީގެ ޖުމްލަ 90 ގޮނޑީގެ ތެރެއިން 48 ގޮނޑި މިފަހަރުވެސް ބީޖޭޕީ ވަނީ ނަގައިފަައެވެ.
ކޮންގްރެސްއަށް މިފަހަރު ނެގުނީ 35 ގޮނޑިއެވެ. މި ކާމިޔާބީއަށްފަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވިއެވެ. ހައްގާއި ތެދަށް އަނެއްކާވެސް ކުރިލިބުނީއެވެ. ބަގަވަތު ގީތާޔާއި މަހާބާރަތާގެ ވަޒަނުގައި ދޮގަށް ކުރިނުލިބޭނެކަން ކަށަވަރުވީއެވެ. މޯދީ މިހެން ވިދާޅުވިޔަސް ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ އަދި އެހެން ހިނގައިދިޔަ ކަމެއް ނޫނެވެ. މިއީ ކޮންގްރެސް ޕާޓީގެ އެތެރޭގެ ކޯޅުންތައް ބޮޑުވުމުގެ ނަތީޖާއެވެ. މިއީ ކޮންމެހެން ބަގަވަތު ގީތާޔަށްޓަކައި ހަރިޔާނާގެ ރައްޔިތުން ބީޖޭޕީއަށްދިން ވޯޓެއް ނޫނެވެ. ދެންއޮތީ ކަޝްމީރުގެ އިންތިޚާބުގެ ވާހަކައެވެ. ކަޝްމީރަކީ މުސްލިމުންނަށް އަޣުލަބިއްޔަތު އޮންނަ ތަނެކެވެ. އެހެންވީމާ ގީތާގެ ވާހަކައަކީ ކަޝްމީރުގައި މާކެޓްކުރެވޭނެ ވާހަކައަކަށް ނުވާނެތާއެވެ. ކަޝްމީރުގައި ބީޖޭޕީއަށް ކުރިހޯދޭނެކަމަށް ކުރިއަކުންވެސް ބެލެވިފައެއް ނެތެވެ. ކަންވީވެސް އެހެންނެވެ. ކަޝްމީރުގެ އެސެމްބްލީގެ ޖުމްލަ 90 ގޮނޑީގެ ތެރެއިން 48 ގޮނޑި ނެގީ ކޮންގްރެސް ޕާޓީއާއި ކަޝްމީރުގެ ޕާޓީތައް އެކުވެގެން އުފައްދާފައިވާ ކޯލިޝަނުންނެވެ. ބީޖޭޕީއަށް ނެގުނީ 29 ގޮނޑިއެވެ.
ކަޝްމީރުގައި ސަރަހައްދީ އިންތިޚާބުގެ ވޯޓުލުން ބޭއްވުނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެންމެފަހު ފިޔަވަހި އޮކްޓޫބަރު އެކެއްގައެވެ. ނަތީޖާ އިއުލާން ކުރީ އޮކްޓޫބަރު އަށެއްގައެވެ. ކަޝްމީރުގެ ރައްޔިތުން މިފަހަރު ހޮވާފައިއެވަނީ ކަޝްމީރަށް އަލުން ސްޓޭޓެއްގެ ދަރަޖަ ހޯދުމަށް ވަކާލާތުކުރާނެ ބައެކެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަރުކަޒީ ސަރުކާރުން 2019 ވަނަ އަހަރު އެ ހައްގު ނިގުޅައިގެންފައިވާތީއެވެ. ޔުނިއަން ޓެރިޓަރީއަކަށް ކަޝްމީރުގެ ދަރަޖަ ތިރިކޮށްފައިވާތީއެވެ. ކޮންމެއަކަސް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަޑަކަށް 70 އިންސައްތަ މީހުން މިފަހަރު ވޯޓުލާން ނުކުމެފައިވެއެވެ. މަގުސަދަކީ ބީޖޭޕީ ނޫންގޮތެއް ހޯދުމެވެ. ކަޝްމީރުގެ ރައްޔިތުން އެކައްޗެއް ކިޔައިފައި މަޖިލީހެއް ހޮވިޔަސް އެ މަޖިލީހަކީ އިންޑިޔާގެ އެހެނިހެން ސްޓޭޓްތަކުގައިވާ ސަރަހައްދީ މަޖިލީސްތަކަށް ނިސްބަތްކުރާއިރު އާރެއް ބާރެއް ނެތް މަޖިލީހެކެވެ. މުހިންމު އެއްވެސް ގާނޫނެއް ހެދުމުގެ ބާރު އެ މަޖިލީހަކަށް ނޯންނާނެއެވެ.
ކަޝްމީރުގައި އެހޮވުނީ ނަމުން މަޖިލީހެކެވެ. ކަމުން މުނިސިޕަލް ކައުންސިލެކެވެ. ސަރަހައްދީ ޕާލަމެންޓެއް ނުވަތަ މަޖިލީހެއް ހޮވުމުގެ މާނަޔަކީ އެ މަޖިލީހުގެ ތެރެއިން އައު ޗީފް މިނިސްޓަރަކުވެސް ހޮވުމެވެ. މިހާރު ކަންއޮތްގޮތުން އެ ޗީފް މިނިސްޓަރަކަށް ވާނީ އުމަރު އަބްދު ﷲ އެވެ. އޭނާވާނީ އާރެއް ބާރެއްނެތް ހަމައެކަނި ނަމުން ޗީފް މިނިސްޓަރަކަށެވެ. ޗީފް މިނިސްޓަރުގެ އޮފީހުގެ ޕިޔޯނަކު ހަމަޖައްސަންވިޔަސް ޗީފް މިނިސްޓަރަށް ޖެހިވަޑައިގަންނަވާނީ ލެފްޓިނަންޓް ގަވަރުނަރަށް އާދޭސް ދަންނަވާށެވެ. އޭނާގެ އިޒުނަޔާ ލައިގެން މެނުވީ ހަމައެއްވެސް މަގާމަކަށް މީހަކު އައްޔަނެއް ނުކުރެވޭނެއެވެ. ކޮންމެއަކަސް ކަންކަން އޮތީ މިފަދަޔަކުންނެވެ. އެހެންވީމާ ކަޝްމީރުގެ ރައްޔިތުން ބީޖޭޕީއާ ދެކޮޅު ރޫހެއްގައި މަޖިލީހެއް ހޮވައި އެ މަޖިލީހުގެ ތެރެއިން އައު ޗީފް މިނިސްޓަރަކު ވަޑައިގެންނެވިޔަސް ކަޝްމީރުގެ ކަންކަން ހައްލެއް ނުވާނެއެވެ. ބަދަލެއް ނުވާނެއެވެ. އޭގެ ބަދަލުގައި ކަންކަން ހުއްޓުމާއި އަރައިރުން ބޮޑުވުމަށް މަގުފަހިވުންގާތެވެ.