މުހައްމަދު އައުޒަމް
ތޫފާން މިލްޓަންގައި އެމެރިކާގެ ފްލޮރިޑާއިން މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައިވާ އިރު، މިއީ އެ ސްޓޭޓަށް ވޭތުވެދިޔަ 100 އަހަރު އަރާ އެންމެ ބާރުގަދަ ތޫފާން ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ބާރުގަދަ ތޫފާން މިލްޓަން އެމެރިކާގެ ފްލޮރިޑާ އަށް މިސްރާބު ޖަހާފައިވާ އިރު، ތޫފާނުން ރައްކާތެރިވުމަށް ފްލޮރިޑާގެ ގިނަ ސަރަހައްދުތަކެއް ވަނީ ހުސްކޮށްފައެވެ.
ފްލޮރިޑާގެ އައްސޭރިފަށުގައި އޮންނަ ޓަމްޕާ އަކީ ތޫފާނުގެ ފުރަތަމަ މަންޒިލު ކަމަށް މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ޓަމްޕާ އަށް ތޫފާން މިލްޓަން އަރާ އިރު، ތޫފާނުގެ ބާރު ކެޓަގަރީ ހަތަރަކަށް ބަދަލުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ތޫފާން މިލްޓަން އަރާ އިރު، ވައިޖެހޭނެ ކަމަށް ލަފާކުރެވިފައިވަނީ ގަޑިއަކު 145 މޭލަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތޫފާނުގެ ސަބަބުން ރާޅު އަރައި ފެންބޮޑުވުމުގެ ހާދިސާތައް ހިގާނެ ކަމަށާއި ތޫފާން އަރާ ބައެއް ސަރަހައްދުތަކުގައި 15 ފޫޓަށް ފެން ބޮޑުވާނެ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ފްލޮރިޑާ އަށް ތޫފާން އަރާނެ ކަމަށް ބެލެވެނީ ޖީއެމްޓީ ގަޑިން 06:00 ގައި ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުންޏެވެ. އެ ތޫފާނުގެ ނުރައްކާ ލަފާކުރެވޭ ވަރަށްވުރެ ބޮޑު ވާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފްލޮރިޑާގެ ސަރުކާރުން ވަނީ ގޮވާލައިފައެވެ.