ދުނިޔެ

އިންޑިއާގެ އެއާފޯސްގެ އެއާ ޝޯ ބަލަން ދިޔަ ފަސް މީހަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގެ އެއާ ފޯސްގެ އެއާ ޝޯ ބަލަން ދިޔަ ފަސް މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ އެއާފޯސް އިން އެ ގައުމުގެ ޗެންނާއީގެ މެރީނާ ބީޗްގައި އާދިއްތަ ދުވަހު ބޭއްވި އެއާ ޝޯގައި 5 މީހުން މަރުވެފައިވާއިރު 100 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، މި ހާދިސާ ހިނގީ މީހުން ގިނަވުމާއި ހޫނު ގަދަވުމުގެ ސަބަބުންނެވެ. އެ ގޮތުން ޑީހައިޑްރޭޓް ވުމާއި މީހުން ފިތުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ.

ޗެންނާއީ ފުލުހުން ވަނީ މަރުވި 5 މީހުންގެ ތެރެއިން އެކަކު މަރުވެފައިވަނީ އެތަނުގައި ހުއްޓާ ކަމަށާއި އަނެއް ހަތަރު މީހުން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްކަމަށް ބުނެފައެވެ.

މި ޝޯ ބެލުމަށް އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާ ޝޯ ބެލުމަށް އެންމެ ރަނގަޅު ތަނެއް ހޯދުމަށް ގިނަ ބަޔަކު ހެނދުނު 8 ޖެހި އިރުން ފެށިގެން އެތަނަށް ޖަމާވެ ތިބި ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ހެނދުނު 11 ޖެހި އިރު ފެށި އެޝޯ ނިންމާފައިވަނީ މެންދުރު އެކެއް ޖެހި އިރު ކަމަށް އޮފިޝަލުން ބުނެއެވެ.