ދުނިޔެ

ހޮލީވުޑްގެ ތަރި، އާނޯލްޑަށް ހަމަލާދީފި

މުހައްމަދު އައުޒަމް

ކެލިފޯނިއާގެ ގަވަރުނަރު އަދި ހޮލީވުޑްގެ ތަރި އާނޯލްޑް ޝްވެޒްނެގަރ އަށް ހަމަލާދީފިއެވެ.

އުމުރުން 71 އަހަރުގެ އާނޯލްޑަށް ހަމަލާދީފައިވަނީ ސައުތު އެފްރިކާގައި ކުރިޔަށް ދިޔަ މުބާރާތެއްގެ ތެރޭގައެވެ. އާނޯލްޑް އޭނާގެ ފޭނަކާ އެކީ ހުއްޓައި ފަހަތުން އައިސް މީހަކު ވަނީ ހަމަލާދީފައެވެ. ހަމަލާ ދިނުމާއެކު އާނޯލްޑްގެ ސެކިއުރިޓީން ވަނީ އެމީހާ ހިފަހައްޓައި ހައްޔަރުކޮށްފައެވެ.

އާނޯލްޑަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު އާނޯލްޑަށް މާބޮޑު އަނިޔާއެއްވިކަމަށް ފާހަގައެއްނުކުރެވެއެވެ. އާނޯލްޑް ވަނީ ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯ ޓްވިޓާރގައި ހިއްސާކޮށްފައެވެ.

ސައުތު އެފްރިކާގެ ޖޮހަނަސްބަރގް ގައި ކޮންމެ އަހަރެއްގެ މޭމަހު "ދަ އާނޯލްޑް ކްލެސިކް އެފްރިކާ" ނަމުގައި ބާއްވާ ކުޅިވަރު ހަރަކާތުގައި 90 އަށް ވުރެގިނަ ކުޅިވަރު ކުޅެއެވެ.