ދުނިޔެ

ފްރާންސްއިން މޫނު ބުރުގާ މަނާކުރުމަކީ އިންސާނީ ހައްގުތަކާ ހިލާފުކަމެއް: އދ

މުހައްމަދު އައުޒަމް

ފްރާންސްއިން މޫނު ބުރުގާ އެޅުން މަނާކުރުމަކީ އިންސާނީ ހައްގުތަކާ ހިލާފް ކަމެއްކަމުގައި އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްރާންސް އިން އެގައުމުގެ ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި މޫނު ބުރުގާ މަނާ ކުރުމަކީ އެ އަޅާ މީހުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމެޓީގައި ހިމެނޭ މިނިވަން ޕެނަލްއަކުން ވަނީ ބައިނަލްއަގުވާމީ ގޮތުން ހަދާފައިވާ މުއާހަދާތަކާ ހިލާފު ވެފައިވާތީ 180 ދުވަހުގެ ތެރޭގައި މި މައްސަލައަށް ޖަވާބުދާރީ ވުމަށް ފްރާންސްއަށް އަންގައިފައެވެ.

ހިއުމަން ރައިޓްސް ކޮމެޓީން ވަނީ ފްރާންސް އިން ހަދާފައިވާ ގާނޫނުގެ ސަބަބުން ފިޔަވަޅު އެޅިފައިވާ ފަރާތްތަކަށް ވެސް ބަދަލުދޭން ޖެހޭނެ ކަމަށް ބުނެފައެވެ.

ފްރާންސްއިން 2012 ވަނަ އަހަރުވެސް މޫނު ބުރުގާ އެޅި ބަޔަކު ޖޫރިމަނާ ކުރުމުން އދ. އިން ވަނީ މޫނު ބުރުގާ އެޅި މީހުންގެ ދިފާއުގައި ތެދުވެފައެވެ.